ކުލަ ތަފާތު އެއްމާބަނޑު ދެބެއިން އިންސްޓަގްރާމް ތަރިންނަށް
ކުލަ ތަފާތު އެއްމާބަނޑު ދެބެއިން އިންސްޓަގްރާމް ތަރިންނަށް

އެއްމާބަނޑު ދެބެއިން ކަމަށް ވިޔަސް ދެބެއިންގެ ހަމުގެ ކުލަ ތަފާތުކަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެ އެތައް ބައެއްގެ ލޯބި ލިބިއްޖެ އެވެ.

އިސަބެލާ އާއި ގެބްރިއެލާ އަކީ ފްރެޓާނަލް ސިސްޓާޒް އެވެ. މާނައަކީ ދެ ކުދިން ގަރުބަގަނެފައި ވަނީ ދެ ބިހުން ކަމަށް ވުމެވެ. މިފަދަ ކުދިން އައިޑެންޓިކަލް ޓުވިންސް އަކަށް ނުވެ އެވެ. ދެކުދިން ކިތަންމެ ވައްތަރަސް ކުދިންގެ ގައިގައި ދެ ކުލައެއް ހުރީ މި ސަބަބާ ހެދި އެވެ.

ދެބެއިންގެ މަންމަ ކްލެމެންޓިން ޝިޕްލޭ ބުނި ގޮތުގައި އޭނާ އިންސްޓަގްރާމްގައި ޖެހި ފޮޓޯތަކަށް އެތައް ހާސް ބައެއްގެ ލޯތްބާއި ހެޔޮ އެދުންތައް ލިބިފައިވާ ކަމަށެވެ.

ޝިޕްލޭ އޭނާގެ ދެބެއިންނަށް ޚާއްސަކޮށް އިންސްޓަގްރާމް އެކައުންޓެއް ހެދީ މިދިޔަ ޖުލައި މަހު ނަމަވެސް މިހާތަނަށް 13،000 އަށް ވުރެ ގިނަ މީހުން މި އެކައުންޓް ފޮލޯކުރެ އެވެ.

މި ކުދިންގެ ފޮޓޯތަކަށް ކޮމެންޓްކުރާ ގިނަ މީހުން މި ކުދިންގެ ލޯބިކަމުން ތައުރީފު ކުރިޔަސް މަލާމާތްކޮށް ފުރައްސާރަ ކުރާ މީހުން ވެސް މަދުން ނަމަވެސް އުޅެ އެވެ.

"ބައެއް ފަހަރު ގެބްރިއެލާގެ ހަންގަނޑުގެ ކުލައަށް ނެގެޓިވް ކޮމެންޓް ކުރާތަން ފެނޭ. ނަމަވެސް އޭނާ އަކީ ރީތި އަދި ލޯބި ކުއްޖެއް ކަމަށް ގަބޫލު ކުރާ މީހުން ގިނައީ. އަދި ދެބެއިންގެ ކުލަ އާދަޔާޚިލާފަށް ތަފާތުވީމަ ރީތިކަމުން ގިނަ މީހުން ވަރަށް ތައުރީފުކުރޭ،" ޝިޕްލޭ ބުންޏެވެ.

މި އެއްމާބަނޑު ދެބެއިންގެ އިތުރުން ޝިޕްލޭގެ އެހެން ކުއްޖެއް ވެސް އެބަހުއްޓެވެ. އެއްމާބަނޑު ދެބެއިންގެ "ކުޑަކުޑަ ވަރުގަދަ" ދައްތަގެ ގޮތުގައި އޭނާސގެ ފޮޓޯތައް ވެސް އިންސްޓަގްރާމަށް ލާފައި ހުރެ އެވެ.