މުގާބޭ ބަންދުކުރުމާ އެކު އަނބިކަނބަލުން ފިއްލަވައިފި
މުގާބޭ ބަންދުކުރުމާ އެކު އަނބިކަނބަލުން ފިއްލަވައިފި

ހަރާރޭ (ނޮވެމްބަރު 16) - ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ހޯދާ ރައީސް ރޮބަޓް މުގާބޭ ގޭ ބަންދުކުރުމާ އެކު އަނބިކަނބަލުން ގްރޭސް މުގާބޭ ފިއްލަވައިގެން ނެމީބިއާ އަށް ވަޑައިގެންފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

އެކަމަކު ނެމީބިއާގައި ގްރޭސް ހުންނެވިކަން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ނެމީބިއާގެ ބޮޑު ވަޒީރުގެ ނައިބް އަދި އިންޓަނޭޝަނަލް ރިލޭޝަންސް މިނިސްޓަރު ނެޓުމްބޯ- ނަންދި ދައިޓްވާ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ޒިމްބާބުވޭގެ ހާލަތު ބަލަމުންދާ ކަމަށާއި އެ ގައުމުގެ ގާނޫނީ މުވައްސަސާތަކުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ޒިމްބާބުވޭ ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ނެގުމަށް ފަހު ވަނީ ސަރުކާރުގައި ހިމެނޭ ކޮރަޕްޓް އޮފިޝަލުން ހައްޔަރު ކުރަން ފަށައިފަ އެވެ. އަދި މުގާބޭ ވަނީ ގޭ ބަންދުކޮށްފަ އެވެ. ސިފައިން ބުނެފައި ވަނީ މުގާބޭ އާއި އޭނާގެ އާއިލާ އަށް ހިމާޔަތް ދީފައިވާ ކަމަށެވެ.

ޒިމްބާބުވޭގެ ކޮންޓްރޯލް ސިފައިން ހޯދީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ދުރުކުރީ މުގާބޭގެ އަނބިކަނބަލުންގެ ނުފޫޒުންނެވެ. ދެ މީހުން ވެސް ދިޔައީ މުގާބޭ އަށް ފަހު ގައުމުގެ ވެރިކަން ހޯދަން މަސައްކަތް ކުރަމުންނެވެ.