17 ނޮވެމްބަރ 2017 - 06:26

މެގްނާ ގުލްޒާރުގެ "ރާޒީ" ގައި ބެލުންތެރިންނަށް ފެންނާނީ މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާ ފަދަ ގޮތަކަށް ކަމަށް ޒުވާން ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
އާލިއާ ބުނި ގޮތުގައި އޭނާ ބޭނުންވަނީ ވެސް މީގެ ކުރިން ފިލްމަކުން އޭނާ ފެނިފައި ނުވާ ކަހަލަ ގޮތަކަށް "ރާޒީ"ގައި ފެނުމެވެ. އަދި އެގޮތަށް އެކަން ވާނެކަމަށް އޭނާ ޔަގީން ކުރެ އެވެ.
"މި ފިލްމަކީ ވަރަށް ކުރީ ޒަމާނެއްގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ކުޅޭ ފިލްމެއް. އެހެންވެ އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި. އަދި ބެލުންތެރިންނަށް ފިލްމު ވަރަށް ކަމުދާނެކަމަށް އުންމީދުކުރަން،" އާލިއާ ބުންޏެވެ.
"ރާޒީ" އަކީ ހަރިންދަރް ސިއްކާ ލިޔެފައިވާ ވާހަކައެއް ކަމަށްވާ "ކޯލިން ސެހެމަތު"ގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ. މިއީ އަންހެނަކަށް ދިމާވި ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ. ސެހެމަތު އަކީ އެއީ ކާކުކަން ސިއްރު ކުރުމުގެ ގޮތުން އަންހެންމީހާ ބޭނުންކުރާ ނަމެކެވެ.
ސެހެމަތުގެ ރޯލު ކުޅެނީ އާލިއާ އެވެ. ސެހެމަތު އަކީ ޕާކިސްތާނުގެ ސިއްރު މައުލޫމާތު އިންޑިއާގެ ދިފާއީ ބާރުތަކަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޕާކިސްތާނުގެ އޮފިސަރަކާ ކައިވެނިކުރާ ކަޝްމީރު އަންހެނެކެވެ. ޕާކިސްތާނު އޮފިސަރުގެ ރޯލު އަދާކުރަނީ ވިކީ ކައުޝަލް އެވެ.
މޭ 11، 2018 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ރާޒީ" ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރް އާއި ވިނީތު ޖެއިން އެވެ. ޑައިރެކްޓްކުރަނީ މެގްނާ ގުލްޒާރެވެ.