16 ނޮވެމްބަރ 2017 - 11:57

ހަރާރޭ (ނޮވެމްބަރު 16) - ގައުމުގެ ކޮންޓްރޯލް ޒިމްބާބުވޭ ސިފައިން ނެގުމަށް ފަހު ދެން އަޅާނެ ފިޔަވަޅަކާ މެދު އެތައް ބަޔަކު އިންތިޒާރު ކުރަން ފަށައިފި އެވެ.
ރައީސް ރޮބަޓް މުގާބޭ މިހާރު ހުންނެވީ ސިފައިންގެ ބެލުމުގެ ދަށުން ގޭ ބަންދުގަ އެވެ. މުޅިން ކަށަވަރު ނުވާ ޚަބަރުތައް ބުނާ ގޮތުގައި މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވަނީ ޒިމްބާބުބޭ ދޫކުރައްވާ ނެމީބިއާ އަށް ވަޑައިގެންފަ އެވެ. ޒިމްބާބުވޭ ސިފައިން ގައުމުގެ ކޮންޓްރޯލް ނެގީ ނައިބު ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ މިދިޔަ ހަފުތާގައި ވަކިކުރުމާ ގުޅިގެންނެވެ. ނައިބް ރައީސް ވަކިކުރީ މުގާބޭގެ އަނބިކަނބަލުންގެ ނުފޫޒުންނެވެ.
ޒިމްބާބުބޭގެ އިދިކޮޅު ލީޑަރު ޓެންޑައި ބިޓީ ބީބީސީ އަށް ވިދާޅުވީ އޭނާ ދެކެން ބޭނުން ވަނީ އިންތިގާލީ ސަރުކާރެއް ގާއިމްކުރާ ތަން ކަމަށެވެ.
"ޒިމްބާބުވޭ ދެން ޖެހޭނީ އަލުން ޑިމޮކްރެސީ އަށް ދާން. އަޅުގަނޑަށް ހީވާ ގޮތުން އިންތިގާލީ މަރުހަލާއެއް އަންނަން ޖެހޭނެ. ދެން ކުރިއަށް ދާންވީ ގޮތުގެ މަޝްވަރާތައް ސިފައިންނާ އެކު ފެށިދާނެ،" އޭނާ ވިދާޅުވި އެވެ.
ޒިމްބާބުވޭ ސިފައިން އިއްޔެ ވަނީ ޕާލަމެންޓް އިމާރާތް ފަށާލައިފަ އެވެ. އަދި ސަރުކާރުގެ މުހިންމު އޮފީސްތައް ވަނީ ސިފައިންގެ ބާރުގެ ދަށުގަ އެވެ. މުގާބޭ ބަންދުކުރި ނަމަވެސް އެކަމާ ދެކޮޅަށް ޒިމްބާބުވޭގައި އެއްވެސް ފަރާތަކުން އަޑު އުފުލައިފައެއް ނުވެ އެވެ.
ޒިމްބާބުވޭގެ ކޮންޓްރޯލް ސިފައިން ނެގުމަށް ފަހު ބުނެފައި ވަނީ އެއީ އަސްކަރީ ބަޣާވާތެއް ނޫން ކަމަށާއި މުގާބޭ އަށް ވެސް ހިމާޔަތް ދީފައިވާ ކަމަށެވެ.
ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ މިހާރު ވަނީ މުގާބޭ އާއި ސިފައިންގެ އިސް ލީޑަރުންނާ ބައްދަލު ކުރަން ސީނިއާ މިނިސްޓަރުން ފޮނުވަން ނިންމަވައިފަ އެވެ. ޒޫމާ އިއްޔެ ވަނީ މުގާބޭއާ ފޯނުން ވާހަކަ ދައްކަވައިފަ އެވެ.