ސަރުކާރަށް 4 އަހަރު ފުރުން ފާހަގަކުރާ ޖަލްސާ މާދަމާރެޔަށް ފަސްކޮށްފި
ސަރުކާރަށް 4 އަހަރު ފުރުން ފާހަގަކުރާ ޖަލްސާ މާދަމާރެޔަށް ފަސްކޮށްފި

ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ޕީޕީއެމުން މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ މާދަމާ ރެއަށް ފަސްކޮށްފި އެވެ.

"ބަހާރެކޭ" ނަމުގައި ކާނިވާ ސަރަހައްދުގައި ބާއްވަން އުޅުނު ޖަލްސާ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށުމަށް މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ވެސް މިހާރު ވަނީ ހޮނިހިރު ދުވަހުގެ ރެއަށް ފަސްކޮށްފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ރައްޔިތުންނަށް މިހާތަނަށް އިވިފައި ނުވާ އުފާވެރި ހަބަރުތަކެއް ރައީސް ޔާމީން ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ކާމިޔާބީ އާއި ގިނަ ދާއިރާތަކަކުން އުއްމީދު ގެއްލިފައިވާ މީހުންނަށް، ހާއްސަކޮށް ސިވިލް ސާވެންޓުންނަށް އުފާވެރި ހަބަރުތަކެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ޖަލްސާ އޭނާ ސިފަ ކުރެއްވީ އުއްމީދުން ފުރިފައިވާ ޖަލްސާއެއްގެ ގޮތުގަ އެވެ.

"ވަރަށް ގިނަ ބަޔަކަށް ތަސައްލީ ލިބި، ހިތަށް ހަމަޖެހުން ލިބިފައިވާ ހަބަރުތަކެއް މާދަމާ ރޭ ރައީސް އިއުލާން ކުރައްވާނެ. މިއީ ހަމައެކަނި އެ މަނިކުފާނު ހޯއްދަވާ ކާމިޔާބީ ތަކާ ގުޅުން ހުރި ޖަލްސާއެއް ނޫން. އެއަށް ވުރެ އިތުރަށް، ރައީސްއަށް ލިބިވަޑައިގަންނަވާ އިހްތިޔާރާ ބާރުތަކުގެ ތެރެއިން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނެ ހަބަރުތައް އިއުުލާންކުރައްވާ ޖަލްސާއެއް،" އަޒްލީން ވިދާޅުވި އެވެ.

އޭނާ ވަނީ މި ޖަލްސާއަށް ވީހާ ވެސް ގިނަ ބަޔަކު ދިޔުމަށް އެދިވަޑައިގެންފަ އެވެ.

ހުޅުމާލޭގައި ރޭ ބާއްވަން އުޅުނު ޖަލްސާ މި ފަސްކުރީ ދެ ވަނަ ފަހަރަށެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހިންގާ ބޯހިޔާވަހިކަމުގެ މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް މިހާތަނަށް ދޭ އެންމެ އުފާވެރި ޚަބަރެވެ. ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކަށް މި މަޝްރޫއުގެ ދަށުން ފުރުސަތު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން 14 ބުރީގެ 25 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.