ޖާންވީ-އިޝާންގެ "ދަޅަކް" ކަރަން ޖޯހަރް އިއުލާން ކޮށްފި
ޖާންވީ-އިޝާންގެ "ދަޅަކް" ކަރަން ޖޯހަރް އިއުލާން ކޮށްފި

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރް ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ނަމަކީ "ދަޅްކަން" ކަން ބުދަ ދުވަހު އިއުލާނުކޮށްފި އެވެ.

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ ޝްރީދޭވީގެ ދަރިފުޅު ޖާންވީ އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާންގެ މި ފިލްމުގެ އާ ތިން ޕޯސްޓަރެއް ވެސް ދައްކާލާފަ އެވެ.

"ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ"ގެ ޑައިރެކްޓަރު ޝަޝާންކް ޚައިތާން ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަން އާއި ޒީ ސްޓޫޑިއޯޒް ގުޅިގެންނެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ ހުނަރުވެރި އާ ތަރިން ފިލްމު އިންޑަސްޓްރީއަށް ނެރުމަށް އޭނާ ވަރަށް އިސްކަން ދޭ ކަމަށެވެ. އެގޮތުން އޭނާ ވަރަށް ގިނަ އެކްޓަރުންނަށާއި ޑައިރެކްޓަރުންނަށް އަދި ޓެކްނީޝަނުންނަށް އަލަށް ފިލްމު އިންޑަސްޓްރީއަށް ނުކުތުމުގެ ފުރުސަތު ދީފައިވާނެ ކަމަށް ވެސް ކަރަން ބުންޏެވެ.

"ވަރަށް ޒުވާން ދެ އެކްޓަރުން ކަމަށްވާ ޖާންވީ އާއި އިޝާން އެމީހުންގެ ސިނަމާގެ ދަތުރު އަހަރެމެންނާއެކު ފަށަން ވަނީ ތައްޔާރުވެފައި. އަދި ޒީ ސްޓޫޑިއޯ އާއެކު ސައިރަތުގެ އެޑަޕްޓޭޝަނެއްގައި މަސައްކަތް ކުރުމުގެ ޝަރަފު ވެސް ލިބުމުން އަހަރެން ވަރަށް އުފާވޭ،" ކަރަން ބުންޏެވެ.

ބޮލީވުޑްގައި މިހާރު އެންމެ ވިދާ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓާއި ވަރުން ދަވަން އަދި ސިދާރްތު މަލްހޯތުރާ ފިލްމު އިންޑަސްޓްރީއަށް ނެރެދިނީ ވެސް ކަރަން އެވެ.

ޖުލައި 6، 2018 ގައި ފިލްމު ރިލީޒްކުރާކަން އިއުލާން ކުރަމުން ކަރަން ވަނީ އޮންލައިންގައި ޖާންވީ އާއި އިޝާންގެ ފިލްމުގެ ތިން ޕޯސްޓަރެއް ޕޯސްޓްކޮށްފަ އެވެ. އެއާއެކު ގިނަ ބަޔެއްގެ ސަމާލުކަން މި ޕޯސްޓަރުތަކަށް ހުއްޓުނެވެ.