18 ނޮވެމްބަރ 2017 - 05:57

އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ ކުޅަދާނަ ބަތަލާ ޖޫލިއާ ރޮބަޓްސްއާ އެކު މަސައްކަތްކޮށްލުމަކީ ހާވަޑް ޔުނިވަސިޓީ އަށް ދިއުން ކަހަލަ ތަޖުރިބާއެއްގެ ގޮތުގައި، އޭނާއާ އެކު ފިލްމް "ވޮންޑާ" ގައި ލީޑް ރޯލް ކުޅުނު އެކްޓަރު އޮވެން ވިލްސަން ސިފަކޮށްފި އެވެ.
އެ ދެ މީހުން އެކުގައި ފުރަތަމަ ފަހަރަށް ސްކްރީން ހިއްސާކުރި ފިލްމް "ވޮންޑާ" ގެ ލޮސް އެންޖެލިސްގެ ޕްރިމިއާގައި އީނިއުސްއާ ވާހަކަ ދައްކަމުން އޭނާ ބުނީ ރޮބަޓްސްގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވި ކަމަށެވެ.
"މި ތަޖުރިބާ މާ ބޮޑަށް ވެސް ފުރިހަމަ. ރޮބަޓްސްއާ އެކު މަސައްކަތްކޮށްލެވުނީމަ އަހަންނަށް އިހުސާސް ކުރެވުނީ ހާވަޑް ޔުނިވަސިޓީ އަށް ގޮސް [އެކްޓިން] އިތުރަށް ދަސް ކުރެވުނީ ކަމަށް،" އޮވެން، 48، ބުންޏެވެ. "އޭނާއާ އެކު މަސައްކަތްކޮށްލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ވެސް މެ."
އޭނާ ބުނީ "ވޮންޑާ" ގެ މަސައްކަތް ދިޔައީ ވަރަށް ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ކަމަށެވެ. އަދި ސެޓްގެ ބައެއް ވާހަކަތައް ވެސް އޮވެން ހިއްސާ ކުރި އެވެ. އޭނާ ބުނީ ފިލްމްގެ ޝޫޓިންގެ ތެރެއިން ހުސް ވަގުތުކޮޅެއް ލިބޭ އިރަށް "ޕްރިޓީ ވުމަން" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ ބަތަލާ ކުރާ ކަމަކީ ވިޔުން ކަމަށެވެ.
"އެކަމަށް އޭނަ ވަރަށް ކުޅަދާނަ. އެކަމަކު ނަސީބު ދިމާކުރި ގޮތުން އޭނާ ވިޔުނު ސްވިޓަރެއް އަހަންނަށް ލިބޭ ގޮތެއް ނުވި،" ސަމާސާ ރާގެއްގައި އޮވެން ބުންޏެވެ. "އަހަރެން އަދިވެސް އުންމީދު ކުރަން ރޮބަޓްސްއާ އެކު މަސައްކަތްކޮށްލަން ފުރުސަތެއް ލިބޭނެ ކަމަށް."
ހުކުރު ދުވަހު ރަސްމީކޮށް ސިނަމާތަކުގައި ދައްކަން ފަށާ "ވޮންޑާ" އަކީ މޫނުމަތީގެ އައިބުކަމެއް ހުންނަ އެކަމަކު އާދަޔާހިލާފު ތޫނުފިލި ކަމެއް ލިބިފައިވާ ކުޑަ ފިރިހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ސްޓެފެން ބޯސްކީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ރޮބަޓްސް އާއި އޮވެން ކުޅެފައި ވަނީ އެ ކުއްޖާގެ މައިންބައިންގެ ރޯލެވެ.