06 ޖުލައި 2016 - 07:10

ރިޔާޒް (ޖުލައި 6) - އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވަނީ މި ރޯދަ މަހު ހަމަލާތައް އިތުރުކޮށްފަ އެވެ. ޚާއްސަކޮށް ބަރަކާތްތެރި މި މަހުގެ ފަހު ދިހައިގައި ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ.

އައިއެސްގެ އެންމެ ނުރައްކާތެރި ފުރަތަމަ ހަމަލާ ދީފައި ވަނީ ތުރުކީގެ އިސްތަންބޫލް އެއާޕޯޓަށެވެ. އަތާތުރްކް އެއާޕޯޓުގައި ޖާނުންފިދާވެގެން ދިން ހަމަލާގައި ވަނީ 45 މީހުން މަރާލައިފަ އެވެ. އޭގެ ފަހުން ހަމަލާ އަމާޒުވީ ބަންގްލަދޭޝްގެ ކެފޭއަކަށެވެ. އެ ކެފޭ އިން ރަހީނުކުރި 20 މީހުން ވަނީ މަރާލައިފަ އެވެ. މި ހަމަލާގެ ޒިންމާ ވަނީ އައިއެސް އިން އުފުލައިފަ އެވެ. އެކަމަކު ބަންގްލަދޭޝް ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގައި އައިއެސްގެ ހަނގުރާމަވެރިން ނޫޅޭނެ ކަމަށެވެ.

އައިއެސްގެ އެންމެ ނުރައްކާ ހަމަލާ ދީފައި ވަނީ ބަޣުދާދުގަ އެވެ. ރޯދަ މަހު ރޭގަނޑު ވަގުތު ގިނަ ބަޔަކު ބާޒާރު ކުރަން ނުކުމެ އުޅެނިކޮށް މާރުކޭޓެއްގައި އައިއެސް އިން ބޮން ގޮއްވާ 165 މީހުން ވަނީ މަރާލައިފަ އެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން ބަޣުދާދުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.

އައިއެސް އިން ފުލުފުލާ އެންމެ ވަރުގަދަ ހަމަލާތަކެއް ދީފައި ވަނީ ސައުދީ އަރަބިއާގަ އެވެ. ޖިއްދާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓުގެ ބޭރުގައި ޖާނުންފިދާވުމުގެ ހަމަލާއެއް އާދިއްތަ ދުވަހު ދީފައިވާ އިރު އެންމެ ގިނަ ހަމަލާތައް ދީފައި ވަނީ ހޯމަ ދުވަހު އެވެ. ތާގިފްގެ ޝިއައީ މިސްކިތެއްގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފައި ވަނިކޮށް އެންމެ ނުރައްކާ ހަމަލާ ދީފައި ވަނީ ހޯމަ ދުވަހުގެ ރޭ މަސްޖިދުއް ނަބަވީ އަށެވެ. މުސްލިމުންގެ ދެ ވަނަ އަށް އެންމެ މުގައްދަސް މިސްކިތުގެ ބޭރުގައި ދިން ހަމަލާގައި ވަނީ ސަލާމަތީ ހަތަރު އޮފިސަރަކު މަރާލައިފަ އެވެ.
އޭގެ ފަހުން އައިއެސްގެ ހަމަލާތައް ފެނިގެން ދިޔައީ އޭޝިއާ އިންނެވެ. މެލޭޝިއާގައި މިދިޔަ ހަފުތާގައި ބާއެއްގައި ދިން ހަމަލާ އަކީ އައިއެސްގެ ހަމަލާއެއް ކަމަށް އެ ގައުމުން ބުނެފައިވެ އެވެ. އަދި މިއީ މެލޭޝިއާގައި އައިއެސް އިން ދިން ފުރަތަމަ ހަމަލާ ވެސް މެ އެވެ. އޭގެ ފަހުން އަންގާރަ ދުވަހު ވަނީ އިންޑޮނީޝއާގެ ޕޮލިސް ސްޓޭޝަނެއްގައި ޖާނުންފިދާވެގެން ހަމަލާއެއް ދީފަ އެވެ.
ތަޖްރިބާކާރުން ބުނަނީ ޖިހާދީ ގްރޫޕްތަކުން ރޯދަ މަސް ބޭނުން ކުރަނީ ޖިހާދުގެ މައްސަރެއްގެ ގޮތުގައި ކަމަށެވެ. ސީރިއާގައި ހަރަކާތްތެރިވާ އަލްގައިދާގެ ގޮފި ނުސްރާ ފްރަންޓުން ދާދި ފަހުން ބުނެފައި ވަނީ ރޯދަ މަހަކީ ކާމިޔާބީގެ މައްސަރު ކަމަށެވެ.
ރޯދަ މަސް ކައިރިވަމުން އައި އިރު އައިއެސްގެ ތަރުޖަމާން އަބޫ މުހައްމަދު އަލް އަދްނާނީ ވަނީ ރޯދަ މަހަކީ ޣައިރު މުސްލިމުންނަށް ހަލާކުގެ މައްސަރެއް ކަމަށް ހެދުމަށް އައިއެސް އަށް ތަބާވާ މީހުންނަށް ގޮވާލައިފަ އެވެ.
ލަންޑަނުގެ ކިންގްސް ކޮލެޖުގެ ވޯ ސްޓަޑީޒް ޑިޕާޓްމަންޓުގެ މެންބަރު ޝިރްޒާ މާހިރު ލިޔުއްވާފައިވާ ގޮތުގައި ރޯދަ މަހަކީ އިސްލާމީ ތާރީޚުގައި މުސްލިމުން ފަތަހަ ހޯދާފައިވާ މައްސަރަކަށްވާތީ އައިއެސް އިން ވެސް ވަނީ އެ މައްސަރުގައި ކާމިޔާބު ހޯދަން ފެން ބޮވައިގެންފައި ކަމަށެވެ.
ހިޖުރަ އިން ދެ ވަނަ އަހަރު ބަދުރު ހަނގުރާމައިގައި މުސްލިމުން ކާމިޔާބު ހޯދީ ރޯދަ މަހު އެވެ. ހިޖުރަ އިން އަށް ވަނަ އަހަރު މައްކާ ފަތަހަ ކުރީ ވެސް ރޯދަ މަހެއްގަ އެވެ.
މި ޒަމާނުގެ ޖިހާދުގެ އިސް ލީޑަރެއް ކަމަށްވާ އަބްދުﷲ ޔޫސުފް އައްޒާމް ލިޔެފައިވާ ގޮތުގައި ޖިހާދަށް ދެކޮޅު ހެދުމަކީ ރޯދަ ހިފުމާއި ނަމާދު ދޫކޮށްލުމާ ވެސް އެއްވަރުގެ ކަމެއް ކަމަށެވެ. މިއީ ވެސް ރޯދަ މަހު ހަމަލާތައް ދިނުމަށް ޖިހާދީ ގްރޫޕްތަކަށް ހިތްވަރު ލިބިގެން ދިޔަ ކަމެކެވެ.