16 ނޮވެމްބަރ 2017 - 06:11

މެޑްރިޑް (ނޮވެމްބަރު 16) – މި ސީޒަން ނިމުމުން ރެއާލް މެޑްރިޑް ދޫކޮށްލަން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި ކަމަށާއި އަދި އެކަން ކްލަބަށް ވެސް އޭނާ އަންގައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އޭނާ ކްލަބް ދޫކޮށްލަން ނިންމީ ޓެކްސް މައްސަލައި ހިތްހަމަނުޖެހިގެންނާއި މެޑްރިޑުން ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އާއި ނޭމާ ފަދަ ކުޅުންތެރިން ގެންނަން އުޅޭތީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ސްޕެއިނުގެ ޕްރޮސެކިއުޓަރުން ވަނީ ރޮނާލްޑޯ އަށް ދައުވާކުރަން ހުށަހަޅައިފަ އެވެ. ރޮނާލްޑޯގެ ފަރާތުން އެ ތުހުމަތުތަށް ދޮގުކޮށްފައިވާއިރު އެއްވެސް މީހަކު އޭނާ ހިމާޔަތްނުކުރާ ކަމަށް އޭނާ ސްޕެއިން ދޫކޮށްލަން ނިންމާފައިވާ ކަމަށް މި ސީޒަން ފެށުމުގެ ކުރިން ނޫސްތަކުގައި ޖެހި އެވެ.
މެޑްރިޑާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރެވެ. އޭގެ ކުރިން ކޮންޓްރެކްޓް ބާތިލްކުރެވޭނީ އެއް ބިލިއަން ޔޫރޯ ދައްކައިގެންނެވެ. އުމުރުން 32 އަހަރުގައި ރޮނާލްޑޯ ގެންދަން އެވަރުގެ ހޭދައެއް ކުރާނެ ކްލަބެއް އޮންނާނެ ކަމަށް ނުބެލެވެ އެވެ. އެހެންވެ މިކަމުގައި އޮންނާނެ ގޮތަކީ މެޑްރިޑާ އެކު އަގަކަށް އެއްބަސްވުމެވެ.
މިހާރުގެ ކޮންޓްރެކްޓުގެ ދަށުން ރޮނާލްޑޯ އަށް އަހަރަކު ލިބެނީ 21 މިލިއަން ޔޫރޯ އެވެ. ޕީއެސްޖީން ނޭމާ އަށް 35 މިލިއަން ޔޫރޯ ދޭ ކަމަށް ބެލެވޭއިރު، ބާސެލޯނާގެ އާ ކޮންޓްރެކްޓުގައި ލިއޮނަލް މެސީ ސޮއިކުރުމާ އެކު 40 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މެސީ އަށް ދޭ ވަރުގެ މުސާރައެއް ރޮނާލްޑޯ އަށް ދޭން އެ ކްލަބުގެ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ރޮނާލްޑޯ ރެއާލުގައި ދިގު މުއްދަތަކަށް މަޑުކުރުވަން އެ ކްލަބުގެ ބޯޑު މެމްބަރުންގެ ބައްދަލުވުމުގައި ދާދި ފަހުން މަޝްވަރާކުރި އެވެ. އަދި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ރޮނާލްޑޯ އަށް ބޮޑު މުސާރައެއް ދޭން ހުށަހަޅައިފަ އެވެ.
މި ސީޒަނުގެ މިހާތަނަށް ރޮނާލްޑޯ އަށް ކުރީގެ ކުޅުން ދެއްކިފައިނުވާއިރު، ފޯމު ދަށްވަމުން އަންނަ ކަމަށް ބުނެ މީޑިއާ އިން އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. ރޮނާލްޑޯ ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް 2009 ވަނަ އަހަރު މެޑްރިޑާ ގުޅި އެ ޓީމަށް ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްދީ ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ.