16 ނޮވެމްބަރ 2017 - 05:53

ރޯމް (ނޮވެމްބަރު 16) – އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ގެއްލުމާ އެކު އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ މަގާމުން ވަކިކޮށްފި އެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އަށް ވޯލްޑް ކަޕުން ފުރުސަތު ކެޓީ ކޮލިފައިން ޕްލޭއޮފުގައި ސްވިޑަންގެ މައްޗަށް ކުރި ނުލިބުމުންނެވެ.
ޕްލޭއޮފަށް އިޓަލީ ދާން ޖެހުނީ ގްރޫޕުގެ ދެ ވަނަ އަށް ދިއުމުންނެވެ. އެއް ވަނަ ކެޓީ ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ބަލިވުމުގެ އެންމެ ބޮޑު އެއް އަސްލަކީ ވެންޗޫރާ އޭރު ބޭނުންކުރި 4-2-4 ފޯމޭޝަނެވެ. އެއާ އެކު ވެންޗޫރާ އަށް ފާޑުކިއުން އަމާޒުވިއިރު ގިނަ ބަޔަކު ވަނީ ޕްލޭއޮފް ފުރަތަމަ ލެގުން ސްވިޑަން އަތުން 1-0 އިން އިޓަލީ ބަލިވި މެޗަށް ފަހު ވެސް ވެންޗޫރާ މަގާމުން ދުރުކުރަން ގޮވާލައިފަ އެވެ.
އެކަމަކު ވެންޗޫރާ ބުނީ އޭނާގެ ރެކޯޑަކީ މިދިޔަ 40 އަހަރުގެ އެންމެ ފުރިހަމަ އެއް ރެކޯޑް ކަމަށާއި އެގޮތުން ދެ އަހަރު ތެރޭ ބަލިވީ އެންމެ ދެ މެޗުން ކަމަށެވެ.
ވެންޗޫރާ އަށް ފާޑުކިއުން އަމާޒުވާ އެންމެ ބޮޑު އެއް ސަބަބަކީ ގޮތްދޫނުކުރުމެވެ. ނަޕޯލީގައި މޮޅު ކުޅުމެއް ދައްކަމުން އައި މިޑްފީލްޑަރު ޖޯޖީނިއާ އަށް ކުޅުމުގެ ފުރުސަތު ދިނީ ފަހު މެޗުގަ އެވެ. އެ މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު، ކުރިން އޭނާ ނޭރުވީ ކީއްވެތޯ އަންނަނީ ސުވާލުކުރަމުންނެވެ. އަދި މި ވަގުތު އިޓަލީގައި ހުރި އެންމެ އުފެއްދުންތެރި އެއް އެޓޭކިން ކުޅުންތެރިއާ ލޮރެންޒޯ އިންސީނޭ އަށް ފަހު ލެގުން ފުރުސަތެއް ނުދެ އެވެ. ބަދަލުގައި މުޅި މެޗުގައި އޭނާ ކުޅުވަމުން ދިޔައީ އިސްކޮޅުން ދިގު ބިޔަ ޑިފެންޑަރުން ތިބި ސްވިޑަންގެ އޭރިއާ ތެރެއަށް ހުރަސް ނަގުވައިގެންނެވެ. އެންޓޯނިއޯ ކަންޑްރޭވާ އާއި މަޓެއޯ ޑާމައިންގެ ހުރަސްތައް އެހާ ކާމިޔާބުނުވި ނަމަވެސް ވެންޗޫރާ އެހެން ކުޅުންތެރިއަކަށް ފުރުސަތު ދިނީ މެޗުގެ ފަހުކޮޅެވެ.
އޭނާގެ އިސްތިއުފާ އަށް ގިނަ ބަޔަކު ގޮވި ނަމަވެސް އިސްތިއުފާ ދޭ ހިޔާލެއް ނުކުރި އެވެ. އޭނާ މަގާމުން ވަކިކުރުމާ އެކު ކޮންޓްރެކްޓް ހަމަވަންދެއް މުސާރަ ހިނގާނެ އެވެ. އިސްތިއުފާ ނުދިނީ އެހެންވެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރުގެ ޔޫރޯ އަށް ފަހު އެންޓޯނިއޯ ކޮންޓޭ ވަކިވުމުން އިޓަލީ ޓީމާ ހަވާލުވި ވެންޗޫރާ އަކީ އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާލޯ ޓަވެޗިއޯ އޭރު ސިފަކުރި ގޮތުގައި ފުޓްބޯޅައިގެ މާސްޓަރެކެވެ.
މީގެ 41 އަހަރު ކުރިން ކޯޗިންގެ ތެރެއަށް ވަން ވެންޗޫރާ ވަނީ ކެރިއަރުގައި ސަމްޕްޑޯރިއާ، އުދިނޭޒީ، ކަލިއާރީ، ނަޕޯލީ އަދި ޓޮރިނޯ އަށް ކޯޗުކޮށްދީފަ އެވެ. އެކަމަކު މިހާތަނަށް ފުރަތަމަ ޑިވިޝަން ފެންވަރުގެ ތަށްޓެއް ހޯދިފައެއް ނުވެ އެވެ.
އިޓަލީއާ ދެން ހަވާލުވެދާނެ ކަމަށް ބެލެވޭ ކޯޗުންގެ ތެރޭގައި ކާލޯ އަންޗެލޮޓީ އާއި ކޮންޓޭ ވެސް ހިމެނެ އެވެ. އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ ކާމިޔާބުކުރިއިރު، ފައިނަލުގައި ފަހު ޕެނަލްޓީ ފްރާންސް ކޮޅަށް ވައްދާލި ފަބިއޯ ގްރޮސޯ އަކީ ވެސް މި މަގާމަށް އަތުވެދާނެ ކަމަށް ލަފާކުރެވޭ ކޯޗެކެވެ.