17 ނޮވެމްބަރ 2017 - 10:09

މީގެ ކުރީ ސަރުކާރުތަކުން ނުހިންގާ ގިނަ މަޝްރޫއުތަކެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުރިހަމަކޮށްދީފި އެވެ. ބޮޑެތި އެތައް މަޝްރޫއުއެއް ނިންމުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަނީ އެވެ. ނުކުރެވޭނެ ކަމަށް ބުނި އެތައް ކަމެއް އެހެރަ ފުރިހަމަ ކުރަނީ އެވެ. ރާއްޖޭގެ މައްސަލަތައް ހައްލު ކުރުމަށް ރައީސް އަބްދުﷲ ޔާމީނަކީ "ފިސާރި" ވެރިއެކެވެ.

މަތީގައި އެވަނީ ސަރުކާރަށް ހަތަރު އަހަރު ފުރޭއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅުންގެ ވިސްނެވުމެވެ.
މި ގޮވެލި ފައްޗަށް ބާރު ލިބޭ ވާހަކަތަކަކީ، އެ ބޭފުޅުންގެ ބަހުން ނަމަ، މިއީ އެވެ. ނޭޅޭނެ ކަމަށް ބުނި ބްރިޖުގެ ތަނބުތައް ކަނޑުމަތިން ފެންނަން ފަށައިފި އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި ދެ ހަފްތާ ތެރޭގައި ހިއްކައި ނިންމި އެވެ. ރަށްރަށުގެ މަގުތައް ހެދުމާއި ބަނދަރުތައް ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމުން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، އެންމެ ބޮޑެތި ބޯޓުފަހަރަށް ޖެއްސޭ ފެންވަރަށް ތަރައްގީކުރަނީ އެވެ. ބިން ހިއްކައި، ރައްޔިތުންނަށް ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކެއް ހިންގަނީ ކުޅަދާނަކަމާއި ވިސްނުންތެރި ކަމާ އެކުގަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ނާންނަ ކަމަކަށް އިދިކޮޅު ފަރާތްތަކުން ވެސް ދެބަހެއް ނުވެ އެވެ. އެކަމަކު އެ ފަރާތްތަކުގެ ޝަކުވާއަކީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޮޑެތި ލޯނުތަކެއް ނަގާ މައްސަލަ އެވެ. އެކަމުގެ ސަބަބުން ދައުލަތް ބަގުރޫޓުވެގެން ދާނެ ކަމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް ވެސް އެ ފަރާތްތަކުން ދެކެ އެވެ. ރައްޔިތުންގެ ޖީބުތައް ތަނަވަސްވެ، އާމްދަނީ އިތުރުވާނެ ގޮތެއް އެ ރައްޔިތުންނަށް ނެތް ކަމަށް ވެސް އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ދައުލަތުގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު އޭގެ ތެރެއަށް 15 ބިލިއަން ރުފިޔާ މިހާރު ވަނީ އިތުރުވެފަ އެވެ. ނަމަވެސް ސަރުކާރުގެ ވެރިންގެ ވިސްނެވުމުގައި އެއީ މައްސަލައަކަށް ނުވެ އެވެ. އެ ބޭފުޅުން ފާހަގަކުރައްވާ އެންމެ މުހިންމު އެއް ކަމަކީ ނަގަމުން އަންނަ ލޯނުތައް ދެއްކުމުގެ ގާބިލްކަން މި ސަރުކާރުގައި ހުރުމެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުތަކުގައި ލޯނު ދެއްކޭ ފެންވަރެއް ނެތެވެ. އެއީ އޭނާ ފާހަގަކުރެއްވި ގޮތުގައި ހަތަރު އަހަރުގެ ސަރުކާރަށް ލިބޭ ކާމިޔާބީއެކެވެ. އަދި ދަރަނި ދައްކައި ހަލާސްކޮށް، އަރަނި ބަޖެޓަކަށް ހެދުމަށް އިތުރު ދައުރެއް ރައީސް ޔާމީނަށް ހައްގު ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ އެނގި ތިބެ ކަމަށެވެ. މި ސަރުކާރުން އެހެން ގައުމުތަކަށް ސަލާން ޖަހަން ބޭނުންނުވާ ކަމަށާއި ބޭނުމީ އަމިއްލަ ފައިމައްޗަށް ތެދުވާން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ އޭނާ ވިދާޅުވީ ލޯނު ނަގައިގެން ނަމަވެސް ތަރައްގީ ގެންނަން ޖެހޭ ކަމަށެވެ.
ދެން އޮތީ ކޮރަޕްޝަންގެ ވާހަކަ އެވެ. އިދިކޮޅު ފަރާތްތަކުން މި ފަހުން އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތު ކުރާ އެއް ކަމަކީ ދަރުމަވަންތަ ހޮސްޕިޓަލް 40 މިލިއަން ޑޮލަރަށް ހެދެން އޮއްވައި، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރުމެވެ. އެކަމާ ބެހޭ ގޮތުން ސަރުކާރު ވެރިންގެ ޖަވާބުގައި ވިދާޅުވަނީ އެއް ވާހަކައެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް އެހާ ބޮޑު ހޭދައެއް ކުރާ ކަމަށް ބުނާއިރު، އެއަށް ވުރެ ކުޑަކޮށް އެކަން ކުރެވޭނެ ގޮތެއް އިދިކޮޅު ފަރާތްތަކުން ދެއްކުމަށް މުނައްވަރު އެދިވަޑައިގަތެވެ. އަދި އެ ހޮސްޕިޓަލް އަޅަން 143 މިލިއަން ޑޮލަރު ބޮޑުވެގެން އުޅޭ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް، އެކަމަކީ ސިއްހީ ހިދުމަތް ކަމަށް ވާތީވެ، އެއަކަށް އަގެއް ބޭނުމެއް ނޫން ކުރާކަށް ވެސް. މި ދައްކަނީ މީހުންގެ ފުރާނައާ ގުޅިފައިވާ ކަމެއް. އެހެންވީމަ، ދަރުމަވަންތަ ހޮސްޕިޓަލް ނިމިގެންދާއިރު، ތިއިން ކޮންމެ ބޭފުޅަކު މައްސަލައެއް އުޅެންޏާ ޗެކް ކުރައްވަން ވަޑައިގަންނަވަންވީ،" އިދިކޮޅު މެމްބަރުންނަށް އިޝާރާތް ކުރައްވައި، މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.
"އަޅުގަނޑު ބައްޕަ ކައިރީގައި ކުރީ ދުވަހު އަހާލިން، އިންޑިއާއަށް ނުވަތަ ލަންކާއަށް ދާންވީހޭ. (އަހާލީމަ) ނޫން، ނުދާނަމޯ (ބުނީ). މިހާރު މާ ރަނގަޅޭ އައިޖީއެމްއެޗް. އެތައް ގަޑިއިރަކު ހުރެގެން ލަންކާއަށް ދިޔައިމަ ހިދުމަތެއް ނުލިބެއޭ (ބުނަނީ) އެހެންވީމަ ބައްޕަ ފުރައިގެ މީހުންގެ ވިސްނުން އެބަ ބަދަލުވޭ މަޑުމަޑުން ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވަމުންދާ ވަރަކަށް.،"
ނިހާން ފާހަގަކުރެއްވި އެއް ކަމަކީ ސިއްހީ ދާއިރާއަށް އަންނަ ހެޔޮ ބަދަލުތައް، ހާއްސަކޮށް ދަރުމަވަންތައް ހޮސްޕިޓަލް ހުޅުވައި ހިދުމަތް ދޭން ފެށުމުން ދިވެހިން އަވައްޓެރި ގައުމުތަކަށް ބޭސްފަރުވާއަށް ދާ ދިއުން ހުއްޓުމަކަށް އަންނާނެ ކަމެވެ. އޭގެ ސަބަބުން ބޭރު ފައިސާ ރާއްޖޭން ބޭރު ކުރުން ވަރަށް ބޮޑަށް ދަށްވެ، ރާއްޖޭގެ އިގްތިސާދަށް ނަފާ ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހުށަހެޅި ބަޖެޓުތަކަށް ބެލިޔަސް، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވެ އެވެ. ސަރުކާރުގެ ވިސްނުމަށް ތާއީދު ކުރައްވާ މެމްބަރުންގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި އެއީ "ފިޔާތޮށި ބަޖެޓުތަކެއް" ނޫނެވެ. "ފެއްސާއި ރަތާއި ހުދު"ގެ ބަޖެޓުތަކެކެވެ.
ނިހާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެހެންވެ، ވޭތުވެދިޔަ ހަތަރު އަހަރު އުމްރާނީ ތަރައްގީ ގެނެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދީފައި ވަނީ ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުން ކަމަށް ނިހާނު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފެންނަނީ އެއްވެސް ޒަމާނެއްގައި ކުރި ވެރިކަންތަކާ އެއްކޮށްލި ނަމަވެސް، ނާންނަވަރުގެ ގިނަ ތަރައްގީތަކެކެވެ. މިއީ ރައްޔިތުންނަށް ހަމަ ލޮލުން ފެންނާނެ ތަރައްގީތަކެކެވެ.
ނިހާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ބަޖެޓުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިމަނާފައި ހުރީ ވަކި ދާއިރާތަކަކަށް ބެލުމެއް ނެތި ހަމަހަމަ ގޮތެއްގައި ކަމަށެވެ. ހާއްސަކޮށް، މިހާރު ހުށަހަޅައިގެން އުޅޭ 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ދާއިރާތަކަށް ވެސް ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުން ވެސް އެނގެނީ، ނިހާން ވިދާޅުވި ގޮތުގައި، ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ މިންވަރެވެ.
ސަރުކާރުގެ ހަތަރު އަހަރުގައި ކުރިން ދިވެހިންނަށް ލިބިފައި އޮތް އެތައް ހައްގެ ވަނީ ހަނިކޮށްފަ އެވެ. އެކަމަކު ސަރުކާރުގެ ބޭފުޅުން އެކަމާ އެއްބަހެއް ނުވެ އެވެ. ގާނޫނުތަކަށް ގެންނަން ކޮންމެ ބަދަލެއް ވެސް ދިފާއުކުރެ އެވެ.
ނިހާނު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ވަގުތާއި ހާލަތާ ގުޅޭ ގޮތުން ގާނޫނުތަކަށް ބަދަލު ގެނެސްފައި ހުރި ކަމަށެވެ. އެކަމަކު ޑިމޮކްރަސީއަކީ ބަނޑުފުރައި މުއްތި ކުރުމަށް "ކާނާއެއް ނޫން" ކަމަށް ވިދާޅުވި އެވެ. އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު ނުވާ ގޮތުގެ މަތިން ގާނޫނުތަކަށް ބަދަލު ގެންނައިރު، ނިގުޅައިގެންފައި ވަނީ ކޮން ހައްގެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"ހަގީގަތުގައި އެމްޑީޕީން ޒިންމާދާރުކަމާ އެކު މަސައްކަތް ކުރަން ފެށުމަކީ ޑިމޮކްރަސީއަށް ލިބޭނެ ހެޔޮ ފާލެއް،" ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނވަންކަން ހަނިކުރުމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ނިހާން ވިދާޅުވި އެވެ.
ކޮންމެއަކަސް، ސަރުކާރަށް ހަތަރު އަހަރު ފުރި، ފަހު އަހަރަކަށް އެޅީ އެވެ. ސަރުކާރުގެ އަމާޒު ހުރީ ފަށާފައި ހުރި މަޝްރޫއުތައް ނިންމާފައި ރިޔާސީ އިންތިހާބަކަށް ދިއުމަށެވެ. ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ރައީސް ޔާމީންގެ މި ދައުރު ސިފަކުރަނީ "ކާމިނީގޭ ބަހާރު މޫސުމެއް"ގެ ގޮތުގަ އެވެ.