15 ނޮވެމްބަރ 2017 - 21:36

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދާދި ފަހުން ނިންމި އަދި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ދެ ނިންމުމެއް އެ ކޮމިޝަނުން މިއަދު ބާތިލްކޮށްފި އެވެ.
އެއީ ރަސްމީ ގަޑީގައި އަމިއްލަ ކަންކަމުގައި ބޭރުގައި އުޅޭ މުވައްޒަފުންގެ މުސާރަ އިން ކަނޑަން ނިންމި ނިންމުމާއި ސިވިލް ސާވެންޓުންގެ މެދުފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ ހުރިހާ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަންޖެހޭ ގޮތަށް މަޖުބޫރު ކުރުމެވެ.
ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) ސޮއިކުރައްވައި ނެރުއްވި ސާކިއުލާއަކުން، އެ ދެ ނިންމުން ބާތިލްކުރި ނަމަވެސް އޭގެ ސަބަބެއް އޭގައި ނެތެވެ.
ސާކިއުލާގައި ބުނީ ރަސްމީ ވަގުތުގައި އަމިއްލަ ކަންކަމުގައި ބޭރުގައި އުޅޭ މުވައްޒަފުންގެ މުސާރަ އިން ކެނޑޭ ގޮތަށް މިދިޔަ މަހު ގެނައި އިސްލާހު ބާތިލްކޮށްފައިވާ ކަމަށެވެ.
ރަސްމީ ގަޑީގައި ބޭރުގައި އުޅޭ މުވައްޒަފުންގެ މުސާރައިން ކެނޑުމާ ބެހޭ އުސޫލު ސީއެސްސީން ބާތިލްކުރިއިރު، އެ އުސޫލަށް އަމަލު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އޮތީ ކުރިން ލަފާ ދީފަ އެވެ.
ސީއެސްސީގެ ނިންމުމަށް އަމަލުކުރުމާ މެދު ފިޝަރީޒް މިނިސްޓްރީން އޭޖީގެ ލަފައަކަށް އެދުމުން، އެ އިދާރާ އިން ވަނީ ސީއެސްސީން އެންގި އެންގުމަށް އަމަލު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި މުވައްްޒަފުންގެ މުސާރަ އިން އުނިކުރެވޭނެ ހާލަތްތައް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު އެ ނޫން ހާލަތެއްގައި މުސާރައިން އުންޏެއް ނުކުރެވޭނެ ކަމަށް ވެސް އޭޖީ އިން، ފިޝަރީޒް މިނިސްޓްރީ އަށް ދިން ލަފާގައި ބުނެފައި ވެ އެވެ.
ސިވިލް ސާވިސް އިން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް، މެދު ފަންތީގެ މެނޭޖްމަންޓު ދާއިރާގެ މުވައްޒަފުންނާއި ސީނިއާ ސިވިލް ސާވިސް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ޖެހޭ ގޮތަށް ވެސް ސީއެސްސީން ހަމަޖެއްސި އެވެެ. އަދި 2019 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ޑިޕްލޮމާ ހާސިލް ނުކޮށްފިނަމަ، އެ މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެ ކަމަށް އެ ކޮމިޝަނުން ކުރިން ނެރުނު ސާކިއުލާއެއްގައި ބުންޏެވެ.
ސިވިލް ސާވިސް މުވައްޒަފުން ނުރުހުންވި ދެ ނިންމުމެއް ސީއެސްސީން ބާތިލްކުރިއިރު، އެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ސިވިލް ސާވެންޓުގެ ގޮތުގައި 24،516 މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރެ އެވެ.