ޔަމަނުގެ މައި އެއާޕޯޓަށް ސައުދީ ކޯލީޝަނުން ބޮން އަޅައިފި
ޔަމަނުގެ މައި އެއާޕޯޓަށް ސައުދީ ކޯލީޝަނުން ބޮން އަޅައިފި

ސަންއާ (ނޮވެމްބަރު 15) - ޔަމަނުގެ ވެރިރަށް ސަންއާގެ މައި އެއާޕޯޓަށް ސައުދީ ކޯލީޝަނުން ބޮން އަޅާފައިވާ ކަމަށް ހޫތީން ބުނެފި އެވެ.

ހޫތީ އޮފިޝަލަކު ބުނީ ސައުދީ ކޯލީޝަނުގެ ވައިގެ ހަމަލާތަކުގައި ސަންއާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނެވިގޭޝަން ސިސްޓަމް ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެހީ ދިނުމުގެ މަސައްކަތަށް އިތުރަށް ހުރަސް އެޅޭނެ ކަމަށް ހޫތީން ބުންޏެވެ.

"މިއީ ޔަމަނުގެ އެތައް މިލިއަން ބަޔަކަށް އެހީ ލިބުމުން މަހްރޫމް ކުރަން ސައުދީން ދިން ހަމަލާއެއް،" ހޫތީ އޮފިޝަލަކު ބުންޏެވެ.

ސަައުދީ ކޯލީޝަނުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ސަންއާ އެއާޕޯޓް ބަންދުކޮށްފަ އެވެ. ހުއްދަ އޮންނީ ހަމައެކަނި އދ.ގެ އެހީގެ ފްލައިޓްތައް ޖެއްސުމަށެވެ.

ހޫތީން ހިންގާ ޖެނެރަލް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވައިގެ ހަމަލާތަކުގައި އެއާޕޯޓުގެ ރޭޑިއޯ ނެވިގޭޝަން ސިސްޓަމް ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި މިއީ މަދަނީ އެއާޕޯޓްތަކަށް ވައިގެ ހަމަލާ ދިނުން މަނާކޮށްފައި އޮންނަ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ޚިލާފަށް ކުރި ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސައުދީ ކޯލީޝަނުން ހޯމަ ދުވަހު ބުނެފައި ވަނީ އެހީ ފޯރުކޮށް ދިނުމަށްޓަކައި އަދަނުގެ އެއާޕޯޓް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ޔަމަނުގެ އެއްގަމު ބަނދަރު ހުޅުވާލާނެ ކަމަށް ބުނެފައެއް ނުވެ އެވެ. ޔަމަނަށް ބޭނުންވާ ތަކެތީގެ 70 ޕަސެންޓަކީ އިމްޕޯޓް މުދަލެވެ.