ބަންދުގައި ހުރި ވަލީދުގެ އަގު ބޮޑު ދެ ހޮޓާ ވިއްކާލަނީ
ބަންދުގައި ހުރި ވަލީދުގެ އަގު ބޮޑު ދެ ހޮޓާ ވިއްކާލަނީ

ބޭރޫތު (ނޮވެމްބަރު 15) - ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުގައި ހުރި ސައުދީ ބިލިއަރު އަލް ވަލީދު ބިން ތަލާލު ލުބުނާނުގައި ހިންގާ އަގު ބޮޑު ދެ ހޮޓާ ވިއްކާލަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ ވަލީދާ އެކު ސައުދީން ވަނީ ގިނަ އަދަދެއްގެ ޕްރިންސުންނާއި ވަޒީރުން ހައްޔަރުކޮށްފަ އެވެ.

ލުބުނާނުގެ ޑެއިލީ ސްޓާ އިން ބުނި ގޮތުގައި ވަލީދު ވިއްކާލަނީ ބޭރޫތުގައި ހުރި ފޯ ސީޒަންސް އާއި މޫވެންޕިކް ހޮޓަލެވެ. ބޭންކުން މިހާރު ކުރަމުން ދަނީ ދެ ހޮޓާ އަގު ކުރުމުގެ މަސައްކަތް ކަމަށާއި އެކަން ނިމުމުން ހޮޓާތައް ބިޑަށް ހުޅުވާލާނެ ކަމަށްވެ އެވެ.

މީޑިއާ ކުންފުނި ޓްވެންޓީ ފަސްޓް ސެންޗަރީ ފޮކްސްގައި އޮތް ވަލީދުގެ ފަސް ޕަސެންޓް ހިއްސާ މިދިޔަ ހަފުތާގައި ވަނީ ވިއްކާލައިފަ އެވެ. ލަންޑަނުގެ ސެވޯއީ ހޮޓާ ހިންގަނީ ވެސް ވަލީދުގެ ކިންގްޑަމް ހޯލްޑިން ކުންފުނިންނެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީން ބަންދުކުރި 11 ޕްރިންސުންނާއި ކުރީގެ 38 ވަޒީރެއްގެ ބޭންކް އެކައުންޓްތައް ވަނީ ފްރީޒް ކޮށްފަ އެވެ. ސައުދީ އޮފިޝަލުން ބުނެފައި ވަނީ ކޮރަޕްޝަނުގެ ފައިސާ އިން ހޯދާފައިވާ ކަމަށް ބެލެވޭ މުދާ ސަރުކާރަށް ނަގާނެ ކަމަށެވެ.

ކިންގްޑަމް ހޯލްޑިންގެ ޗެއާމަން ވަލީދުގެ ހިއްސާ ޓްވިޓާ، އެޕަލް، ސިޓިގްރޫޕް އަދި ނިއުސް ކޯޕަރޭޝަނާއި ފޯ ސީޒަންސްގައި އޮވެ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 17 ބިލިއަން ޑޮލަރަށް އަރަ އެވެ. ޕްރިންސް ވަލީދު 2015 ވަނަ އަހަރު ވަނީ އޭނާގެ މުޅި މިލްކިއްޔާތު ޗެރިޓީ އަށް ހަދިޔާ ކުރަން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.