16 ނޮވެމްބަރ 2017 - 06:45

ސަރުބީ ވިރުވާލައި ހަށިގަނޑުގެ މަސްތައް ވަރުގަދަކުރަން ބައެއް ތަރުކާރީ އާއި މޭވާގެ އޮށް ވެސް ބޭނުންކުރެވިދާނެ އެވެ.
އާއްމު ކެއުމުގައި ވަރަށް ފަސޭހައިން މި ބާވަތްތައް ހިމެނިދާނެ އެވެ. ސްމޫތީ، ސޫޕް އަދި ސެލަޑް ހަދާއިރު އިރު ވެސް އޮށްކޮޅެއް އަޅާލެވިދާނެ އެވެ. ނުވަތަ ހަނާކޮށްލައިގެން ސްނެކެއްގެ ގޮތުގައި ވެސް މި ބާވަތުގެ އޮށްތައް ކެވިދާނެ އެވެ.
ބަރަބޯ އޮށުގައި ޒިންކްގެ ބައި ގިނަ އެވެ. ޒިންކަކީ ސަރުބީ ވިރުވަން ބޭނުންވާ ވަރަށް މުހިއްމު މާއްދާއެކެވެ. އަދި ހަށިގަނޑުން ގިނައިން ޓެސްޓޮސްޓެރޯން އުފެއްދުމުގައި ވެސް ޒިންކް އެހީވެދެ އެވެ. ޓެސްޓޮސްޓެރޯން އަކީ މަސްތައް އުފެދުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ލަންޑަން ޑޮކްޓާޒް ކްލިނިކްގެ ފައުންޑަރު ޑރ. ސެތު ރަންކިން ވިދާޅުވީ ހަޖަމުކުރުމުގެ ނިޒާމުގެ ސިއްހަތު ރަނގަޅުކުރުމަށް ފައިބަރަކީ މުހިއްމު އެއްޗެއް ކަމަށެވެ. އަދި ގަވާއިދުން ބޮޑުކަމު ދެވުމަކީ ވެސް ސަރުބީ ވިރުވުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. ބަރަބޯ ކެއުމުން ފައިބަރު ލިބެ އެވެ. އެހެންވެ ދެ ކެއުން ދޭތެރޭގައި ހޭދަވާ ވަގުތު އެކި ކަހަލަ ސްނެކްސް ކާހިތްވުމުން ކުޑަކޮށްދޭނެ އެވެ. އެހެންވެ މިއީ ބަރުދަން ލުއިކުރުމަށާއި ސިކުނޑީގެ ބާރު ގަދަކުރުމަށް ކާން ވަރަށް ރަނގަޅު އޮށެކެވެ.
ޗިއާ ސީޑްސް އަކީ ފައިބަރާއި މެގްނީސިއަމް އަދި އަޔަން އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. އަދި މިއީ ސަރުބީގެ ބައި ވަރަށް ދަށް އެއްޗެކެވެ. މި ވައްތަރުގެ އޮށް ކެއުމުން ބަނޑުހައިކަން އިހްސާސް ވުން ލަސްވާނެ އެވެ. އަދި ގިނަ ވަގުތު ހަށިގަނޑުގައި ރަނގަޅު ހަކަތަ ހުންނާނެ އެވެ.
ސަންފްލާވާ އޮށަކީ ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މި ވައްތަރުގެ އޮށް ސޫޕް ކައްކާއިރު އެއަށް އަޅައިގެން ވެސް ކެވިދާނެ އެވެ. ނުވަތަ ސެލަޑާ އެކު ވެސް ކެވިދާނެ އެވެ. ސަންފްލާވާ އޮށުގައި ވިޓަމިން އީ ވަރަށް ގިނަ އެވެ. އޭގެ ސަބަބުން ބާރުގަދަ އެންޓިއޮކްސިޑަންޓެއްގެ ގޮތުގައި މަސައްކަތް ކުރެ އެވެ. އަދި އޭގައި މެގްނީސިއަމް ވެސް ވަރަށް ގިނަ އެވެ. އެހެންވެ ހަށިގަނޑުގައި ހަކަތަ އިތުރުވެ ސަރުބީ އަވަހަށް ވިރެން މެދުވެރިވެ އެވެ.