15 ނޮވެމްބަރ 2017 - 13:31

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސް އަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މައްސަލާހައި މިއަދު ބޭއްވީ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގަން ތާވަލްކުރި އަޑުއެހުމެކެވެ. އެ އަޑުއެހުން ކެންސަލްކުރީ ހެކިވެރިން ހާޒިރު ނުކުރެވިގެން ކަމަށް ކޯޓާ ހަވާލާދީ، ފާރިސްގެ ވަކީލުން ބުންޏެވެ.
އެ މައްސަލާގައި ފާރިސްގެ ފަރާތުން އޮތީ 47 ހެއްކަކު ދިފާއުގައި ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިސްވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ނޫސްވެރިން ވެސް ހިމެނެ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް ފާރިސްގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި ފާރިސް އަށް މަޖިލީހަކަށް ހާޒިރެއް ނުވެވޭނެ އެވެ.
ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން މަޖިލީހުުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ވެސް ފާރިސްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
ރިޝްވަތުގެ މައްސަލާގައި ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮޮށްފައިވާއިރު އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން އިއްޔެ ވަނީ ނިންމާލައިފަ އެވެ.
ރިޝްވަތުގެ މައްސަލާގައި ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސް، މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ފާރިސް އަށް ގެއްލޭނެ އެވެ.