އިންޑޮނީޝިއާގެ ޕޮލިސް ސްޓޭޝަނަކަށް އައިއެސް އިން ހަމަލާ ދީފި
އިންޑޮނީޝިއާގެ ޕޮލިސް ސްޓޭޝަނަކަށް އައިއެސް އިން ހަމަލާ ދީފި

ޖަކާޓާ (ޖުލައި 5) - މޮޓޯ ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު އިންޑޮނީޝިއާގެ ޕޮލިސް ސްޓޭޝަނެއްގައި ޖާނުންފިދާވުމުގެ ހަމަލާއެއް މިއަދު ދީފި އެވެ.

އިންޑޮނީޝިއާގެ ޕޮލިސް ސްޓޭޝަނަކަށް އައިއެސް އިން ހަމަލާ ދީފި
އިންޑޮނީޝިއާގެ ޕޮލިސް ސްޓޭޝަނަކަށް އައިއެސް އިން ހަމަލާ ދީފި

މި ހަމަލާގައި ވަނީ ފުލުހުންގެ އޮފިސަރަކު ޒަޚަމްވެފަ އެވެ. އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މިއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް މީހަކު ދިން ހަމަލާއެއް ކަމަށެވެ.

ހަމަލާ ދިން ސޯލޯ އަކީ ރައީސް ޖޮކޯ ވިޑޯޑޯގެ އުފަން ސީޓީ އެވެ. އަދި މި ހަމަލާ ދިން އިރު އެމަނިކުފާން ވަނީ އީދު ޗުއްޓީ އާއިލާއާ އެކު ހޭދަކުރެއްވުމަށް އެ ސިޓީ އަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފަ އެވެ.

ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ގައުމުގައި އީދު ފާހަގަ ކުރަން ތައްޔާރުވަމުންދާ އިރު އައިއެސް އިން ދީފާނެ ހަމަލާއަކަށް އެ ގައުމުގެ ސަލާމަތީ ފަރާތްތަކުން ވަނީ ސަމާލުވެފަ އެވެ. އައިއެސް އިން ޖެނުއަރީ މަހު ވަނީ ޖަކާޓާގައި ނުރައްކާތެރި ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި ވަނީ އަށް މީހުން މަރުވެފަ އެވެ.

ފުލުހުން ބުނީ ޕޮލިސް ސްޓޭޝަން ގޮއްވާލަން އުޅުނު ނޫރު ރަހުމާން ކިޔާ މީހާ އަކީ ސީރިއާގައި ހަނގުރާމަ ކުރަމުންދާ އިންޑޮނީޝިއާގެ ރައްޔިތެއް ކަމަށްވާ ބަހުރުން ނައިމްގެ ކޮންޓްރޯލު ކުރާ ނެޓްވޯކަކަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އެންމެ ފަހުގެ ހަމަލާއާ ގުޅިގެން ރައީސް ވިޑޯޑޯ ވަނީ ރައްޔިތުން ކެތްތެރިކަމާ އެކު އަދި ސަމާލުވެ ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ޖާނުންފިދާވުމުގެ ހަމަލާތައް ދޭ ނެޓްވޯކުތަކުގެ އެންމެން ހޯދުމަށް ސަލާމަތީ ފަރާތްތަކަށް މިހާރު ވާނީ އަންގާފއި،" ރައީސް ވިޑޯޑޯ ވިދާޅުވި އެވެ.

އައިއެސްއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން މިދިޔަ މަހު ވަނީ ތިން މީހުން ހައްޔަރުކޮށްފަ އެވެ. --އޭއެފްޕީ