15 ނޮވެމްބަރ 2017 - 12:46

މާލޭގައި އިއްޔެ އިރުއޮއްސުނުއިރު ހިންގި މާރާމާރީގައި ޒަހަމްކޮށްލި ދެ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެމާރާމާރީގައި ޒަހަމްވީ 20 އަހަރާއި 21 އަހަރުގެ ދެ ޒުވާނެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭގެ ތެރެއިން 20 އަހަރުގެ މީހާގެ ގޮހޮރުން ބައެއް ބޭރަށް ނުކުމެފައި އޮތުމުން އޮޕަރޭޝަނެއްކޮށް އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
ޒަހަމްވި 21 އަހަރުގެ ޒުވާނާގެ އަތަށާއި އަރިކައްޓަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ. އޭނާއަށް ވެސް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
އައިޖީއެމްއެޗުން ބުނީ އެ ދެ މީހުންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ފަރީދީމަގު، އެމްއެޗްއޭ ފިހާރަ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ބަޔަކު ހައްޔަރު ވެސް ކޮށްފަ އެވެ.
އިއްޔެގެ މާރާމާރީ މި އައީ މި ފަހުން މާލޭގައި ސިލްސިލާކޮށް ހިންގި ނުރައްކާތެރި މާރާމާރީތަކަށް ފަހު އެކަހަލަ ހާދިސާއެއް ނުހިނގާ ދުވަސްކޮޅެއް ދިޔަ ފަހުންނެވެ.
މިދިޔަ ސެޕްޓެމްބަރާއި އޮކްޓޯބަރު މަހުގެ ހިންގި މާރާމާރީތަކުގައި ދެ ޒުވާނަކު ވަނީ މަރާލައިފަ އެވެ.