15 ނޮވެމްބަރ 2017 - 12:24

މުމްބާއީ (ނޮވެމްބަރު 15) - އިންޑިއާގެ ހުޅަނގުގެ މުމްބާއީ ސިޓީން ބިމު އަޑިން 25 ފޫޓް (8 މީޓަރު) ދިގު މަގެއް ކޮނެ ބޭންކަކުން ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ ވަގުން ވަނީ ބޭންކުން ފައިސާ އާއި ގަހަނާ ވަގަށް ނަގައިފައި ކަމަށެވެ. އެކަމަކު ވަގަށް ނެގި ތަކެތީގެ އަގު ހާމަކޮށްފައެއް ނުވެ އެވެ. ބިމު އަޑީ މަގު ކޮނެފައި ވަނީ ހަތަރު މަސް ދުވަހުން ކަމަށް ފުލުހުން ބުންޏެވެ. އޮފިޝަލުން ބުނީ ވަގުން ވަނީ ބޭންކް އޮފް ބަރޯޑާއާ ކައިރިން ތަނެއް ކުއްޔަށް ހިފާފައި ކަމަށެވެ. ވަގުން ކުރަމުން ދިޔަ މަސައްކަތް ފޮރުވުމަށް އެ މީހުން ވަނީ އެ ގޭގައި ތަރުކާރީ ފިހާރައެއް ވެސް ހިންގަން ފަށައިފަ އެވެ. އަދި ބިމު އަޑިން ކޮނެފައި ވަނީ އެ ފިހާރަ އިން ފެށިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެހާ ގިނަ ދުވަހު ބިމުއަޑިން ކޮނެގެން މަގެއް ހެދި އިރު އެއްވެސް ބަޔަކަށް އެކަން ނޭނގުނީ ކީއްވެ ކަމެއް ނޭނގެ އެވެ.

ބޭންކުން ވައްކަން ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރެ އެވެ. އޭގެ ފަހުން ފިހާރަ ހިންގި މީހުން ވަނީ ގެއްލިފަ އެވެ.
ބޭންކުން ވައްކަން ކުރިކަން އެނގުނީ ހޯމަ ދުވަހު ހެނދުނު ބޭންކް ހުޅުވުމުންނެވެ.
ބޭންކުގެ ބައެއް ކަސްޓަމަރުން ބުނި ގޮތުގައި އެ މީހުން މުޅި އުމުރު އެއްކުރި ފައިސާ އާއި އާއިލާގެ ފަރާތުން ލިބުނު ގަހަނާތައް ރައްކާކޮށްފައި ހުރި ބޭންކް ލޮކަރުތައް ވަނީ ވަގުން ގެންގޮސްފަ އެވެ. ފުލުހުން ބުނީ ބޭންކުގެ 225 ޑިޕޮޒިޓް ބޮކްސްގެ ތެރޭން 30 ބޮކްސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.