ބިގް ބޮސް 11: ހިތެންގެ ސަލާމަތްކުރަން ޕްރިޔަންކް ބޯ ބާލައިފި
ބިގް ބޮސް 11: ހިތެންގެ ސަލާމަތްކުރަން ޕްރިޔަންކް ބޯ ބާލައިފި

"ބިގް ބޮސް"ގެ މި ފަހަރުގެ ސީޒަނަކީ އެންމެ މުނިފޫހިފިލާ ކަންތައްތައް ގިނަ ސީޒަންކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މި އަހަރުވެސް ބިގް ބޮސްގެ ގެއިން ބޭރުކުރާނެ މީހަކު ކަނޑައަޅާ މަރުހަލާގައި ފޯން ކޯލް ޓާސްކެއް ހިމެނުނެވެ. މި ޓާސްކްގައި އޮންނަ ގޮތުން އެންމެ އަަވަހަށް ގޮސް ފޯނު ނަގާ މީހާ ގެއިން ނެރޭނެ އެވެ. ނަަމަވެސް އެ މީހަކު ސަލާމަތްކުރެވިދާނެ ގޮތެއް ގޭގައި ތިބޭ އެހެން ބައިވެރިންނަށް އޮވެ އެވެ. އެއީ ބިގް ބޮސް ބުނާ ކޮންމެވެސް ކަމެއް ކުރުމެވެ.

މިފަހަރުގެ ޓާސްކްގައި ހިތެން ތޭޖްވާނީ ގެއިން ނެރެން ޖެހުމުން އޭނާ ސަލާމަތްކުރުމަށްޓަކައި ޕްރިޔަންކް ޝަރުމާ އަށް ބޯ ބާލަން ޖެހުނެވެ. ހިތެން ސަލާމަތްކުރަން ޕްރިޔަންކް ބޯ ބާލާ މަންޒަރު އެންމެން އަޖައިބުވެގެން ބެލި އެވެ.

އަނެއްކޮޅުން، އަބަދު އަރާރުންވަމުން އަންނަ ޝިލްޕާ ޝިންޑޭ އާއި ވިކާސް ގުުޕްތާ އަލުން އެކުވެރިންނަށް ވުމަކީ ވެސް ޝޯ އަަށް ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު ކަމަކަށް ވަނީ ވެފަ އެވެ.

ޖަލަށް ލާފައި ހުރި ވިކާސް ގުޕްތާ ބިރުގަންނަވާލަން ޝިލްޕާ ކުރި މަސައްކަތަށް ފަހު ދެ މީހުން ވަނީ ސުލްހަ ވެފަ އެވެ. މިއީ ދާއިމީ ސުލްހައެއް ކަމެއް ނޭނގެ އެވެ. ޔަގީންވާ ކަމަކީ ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅުވަމުން އަންނަ ކަމެވެ.

މި މީހުންގެ ގުޅުން ރަނގަޅުވީ "ވީކެންޑް ކާ ވާރް" އެޕިސޯޑްގައި، ކާ މޭޒުދޮށުގައި ޝިލްޕާ އިނދެގެން ރޯތަން ފެނިގެން ވިކާސް ގޮސް އޭނާ ހިތްހަމަޖައްސައިދޭން މަސައްކަތް ފެށި ހިސާބުންނެވެ. އަދި ޝިލްޕާ އަކީ އޭނާއަށް ވުރެ ވެސް ހިތްވަރުގަދަ މީހެއް ކަމަށް ވިކާސް ޝިލްޕާ ގާތު ބުންޏެވެ. އެ ހިސާބުން ދެ މީހުން ވަނީ ދެން ދުވަހަކުވެސް އަރާރުން ނުވާން ވައުދުވެފަ އެވެ.

ބިގް ބޮސްގެ ގެއިން ބޭރުކޮށްލުމަށް މި ހަފުތާގައި ތިން ބައިވެރިޔަކު ވަނީ ނޮމިނޭޓް ކޮށްފަ އެވެ. އެއީ ސަޕްނާ ޗައުދަރީ އާއި ބިނަފްޝާ ސޫނާވާލާ އަދި ހީނާ ޚާނެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ނޮމިނޭޓްވި މީހުން ސަލާމަތް ކުރުމަށް އެހެން ބައިވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. ނޮމިނޭޓްވި މީހުންނަކީ އެމީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރާނެ ބަޔަކު ނުވި މީހުންނެވެ.

ސަޕްނާ ނޮމިނޭޓްވީ ކުރިޔަށް އޮތް ހަފުތާ އެއްކޮށް ސަޕްނާގެ ހެދުން ލައިގެން އުޅެން ޕުނީޝް ޝަރުމާ އެއްބަސް ނުވުމުންނެވެ. ބިނަފްޝާ ނޮމިނޭޓްވީ ޕްރިޔަންކް ޝަރުމާ ސަލާމަތްކުރުމުގެ ގޮތުން ދެ ހަފުތާ ވަންދެން އަމިއްލައަށް ނަން ނޮމިނޭޓްކުރަން އެއްބަސްވެފައި ވާތީ އެވެ.

ބިގް ބޮސްގެ ތާރީޚުގައި ވެސް އެންމެ ހެއްވާ ގޮތަކަށް ނޮމިނޭޓްވީ ހީނާ އެވެ. ލަވް ތިޔާގީ އަށް ލިބުނީ ހީނާ ސަލާމަތް ކުރަން ވަރަށް ފަސޭހަ ޓާސްކެކެވެ. އެއީ ހީނާފަތުން އޭނާގެ ނިތްކުރީގައި "ޒީރޯ" ޖެހުމެވެ. ހަމައެކަނި ޝަރުތަކީ އެ ހަފުތާ ނިމެންދެން އެ ފޮހެލަން ނުވަތަ ފޮރުވަން އެއްވެސް މަސައްކަތެއް ނުކުރުމެވެ. އޭނާ ޓެޓޫ ޖެހި ނަމަވެސް ވަރަށް އަވަހަށް އެ ފިލުވައިލި އެވެ. އަދި މޭކަޕުން އޭނާ ޓެޓޫ ފޮރުވަން މަސައްކަތް ކުރި ކަން ވެސް ބިގް ބޮސް އަށް ފަޅާ އެރި އެވެ. ހީނާ ނޮމިނޭޓްވީ އެހެންވެ އެވެ.

މި ތިން ބައިވެރިންގެ ތެރެއިން މިފަހަރު ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހޭނީ ކާކަށް ހެއްޔެވެ؟ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހީނާ ސަލާމަތް ވާނެ އެވެ. ސަބަބަކީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ކުޅުނު ދުވަސްވަރުން ފެށިގެން އޭނާގެ ގިނަ އަދަދެއްގެ ފޭނުން ތިބީމަ އެވެ.