15 ނޮވެމްބަރ 2017 - 13:35

ތެހެރާން (ނޮވެމްބަރު 15) - އީރާނާއި އިރާގު ގުޅުނު ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި އީރާނާވީ ފަޅިން ގިނައިން ވެއްޓިފައި ވަނީ ސަރުކާރުން ހަދާފައި ހުރި އިމާރާތްތަކެވެ.

ބިންހެލުމުގައި ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތައް ބައްލަވާލެއްވުމަށް ރައީސް ހަސަން ރޫހާނީ ވަޑައިގެންނެވުމަށް ފަހު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ހެދި އިމާރާތްތަކަށް ގެއްލުން ނުވާ އިރު ސަރުކާރުން ހެދި އިމާރާތްތައް ވެއްޓުނު ސަބަބު ބަލަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ.

ރިކްޓާ މިންގަނޑުން 7.3 ގެ ބާރު މިނުގައި އާދިއްތަ ދުވަހުގެ ރޭ އައި ބިންހެލުމުގައި 432 މީހުން މަރުވެ 8،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
ރޫހާނީ ވިދާޅުވީ ގެދޮރު ހަލާކުވި މީހުންނަށް ސަރުކާރުން ބިމާއި ފައިސާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިމާރާތް ކުރުމުގެ މިންގަނޑާ ޚިލާފުވެފައިވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ހެދި އިމާރާތްތައް ބިމާ ހަމަވެފައިވާ އިރު އަމިއްލަ ފަރާތްތަކުން ހެދި އިމާރާތްތަކަށް ގެއްލުން ނުވާ މަންޒަރު ދައްކުވައިދޭ ބައެއް ފޮޓޯތައް ވަނީ ޝޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.
ސަރުކާރުން ގެ އަޅައިދީފައި ވަނީ ކުރީގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދުގެ ވެރިކަމުގައި ފެއްޓެވި ޕްރޮގްރާމެއްގެ ދަށުންނެވެ. އެ ޕްރޮގްރާމުގައި ވަނީ މަދުން އާމްދަނީ ލިބޭ މީހުންނަށް ދެ މިލިއަން ގެ އަޅަން ނިންމައިފަ އެވެ.
"ސަރުކާރުން އިމާރާތްކޮށްފައިވާ ބައެއް ގެތައް ވަރަށް އާ. އެކަމަކު އެ ގެތައް ވަނީ ބިންހެލުމުގައި ވެއްޓިފައި. މިއީ ބަލަން ޖެހޭ ކަމެއް،" ރޫހާނީ ވިދާޅުވި އެވެ.
އީރާނުގެ ރެޑް ކްރޮސެންޓް ސޮސައިޓީން ބުނެފައި ވަނީ ބިންހެލުމުގައި 12،000 އަށް ވުރެ ގިނަ ގޭ ބިމާ ހަމަވެފައިވާ ކަމަށެވެ. އެހީދޭ އެޖެންސީތަކުން ބުނެފައި ވަނީ 70،000 އަށް ވުރެ ގިނަ މީހުންނަށް ހިޔާވަހިކަން ބޭނުންވާ ކަމަށެވެ. ބިންހެލުމުގައި ގެދޮރު ގެއްލުނު މީހުން ވޭތުވެދިޔަ ދެ ދުވަހު އުޅެން ޖެހިފައި ވަނީ ގަދަފިނީގައި މަގުތަކުގެ މަތީގަ އެވެ.