15 ނޮވެމްބަރ 2017 - 13:11

ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ ގްރޫޕްގައި ދެން އޮތް އޮމާނާއި ފަލަސްތީނަކީ ވަރުގަދަ ދެ ޓީމުތައް ކަމަށް ވުމުން ނޫން ކަމަށް ފަލަސްތީނުގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ބުނެފި އެވެ.

ކޮންމެ ޓީމެއް ފަސް މެޗު ކުޅުނުއިރު ކޮލިފައިން ގްރޫޕް ޑީން އޭޝިއަން ކަޕުގެ ދެ ޖާގަ ހޯދާފައިވަނީ ފަލަސްތީނާއި އޮމާނެވެ.
ގްރޫޕުގެ އެއް ވަނައިގައި ފަލަސްތީން އޮތީ 100 ޕަސެންޓް ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޮމާނަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ކޮލިފައިން ފަހު މެޗުގައި އަންނަ އަހަރު މާޗް 27 ގައި ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭނީ ބޫޓާނާ އެވެ.
މުބާރާތަށް ކޮލިފައިވުމުގެ ހުރިހާ ދޮރެއް ރާއްޖެ އަށް ބަންދުވީ ރޭ ފަަލަސްތީންގެ ޖެނިންގައި ކުޅުނު މެޗުން 8-1 އިން ބަލިވުމުންނެވެ. މެޗަށް ފަހު ފަލަސްތީންގެ ކޯޗު ބަރަކާތު ބުނީ އިތުރު ލަނޑުތަކެއް ޖެހޭނެ ކަމަށް އުއްމީދުކުރި ކަމަށެވެ.
"އަހަރެން އުއްމީދުކުރިން އިތުރު ލަނޑުތަކެއް ޖެހޭނެކަމަށް. އެކަމަކު ގަބޫލުކުރަން ޖެހޭ ރާއްޖެ ޓީމު ވެސް ވަރުގަދަކަން. މި ނަތީޖާ ކިތަންމެ ބޮޑުވިޔަސް އޮމާނާ ދެކޮޅަށް ވެސް ރާއްޖޭން ރަނގަޅަށް ކުޅުނުކަން ފާހަގަކުރަން. އެކަމަކު ބައެއް ފަހަރު ކޮލިފައިވުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެދާނެ،" ބަރަކާތު ބުންޏެވެ.
ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ ބޫޓާން އަތުން ރަށުން ބޭރުގަ އެވެ. އޮމާނާއި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުތަކުންވީ ބައްޔެވެ. ފަލަސްތީން އަތުން މާލޭގައި 3-0 އިން ބަލިވިއިރު، އޮމާން އަތުން ރަށުން ބޭރުގައި ވަނީ 5-0 އިން ބަލިވެފަ އެވެ. އަދި އަމިއްލަ ދަނޑުގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-1 އިންނެވެ.
ބަރަކާތު ބުނީ ޖުމްލަ ގޮތެއްގައި ކޮލިފައިންގައި ރާއްޖޭން ދެއްކި ކުޅުން ރަނގަޅު ނަމަވެސް އެކި ސަބަބުތަކާ ހުރެ ކޮލިފައިވާން ބޭނުންވާ ވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށެވެ.
"މި ފަހަރު ކޮލިފައިންގައި ރާއްޖޭން ޖުމްލަކޮށް ރަނގަަޅަށް ކުޅެފައިވާކަން ފާހަގަކުރަން. އެކަމަކު ކޮލިފައިނުވުމުން އެބަ އެނގޭ އެހެން ކަންތައްތަކެއް ރަނގަޅަށް ނުކުރެވި ހުރިކަން. ދެން އަހަރެމެންނާ (ފަލަސްތީން) އާއި އޮމާން އަކީ ވަރުގަދަ ދެ ޓީމު ކަމުގައި ވިޔަސް އެއީ އެއް ނޫން ހަމައެކަނި ރާއްޖެ އަށް އޮތް މައްސަލަ އަކީ،" ބަރަކާތު ބުންޏެވެ.
ފަލަސްތީނުން 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި އޮތް އޭޝިއަން ކަޕަށް ކޮލިފައިވީ 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އަދި ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ ސަރަހައްދުގެ އެންމެ ބޮޑު މުބާރާތުގެ ފުރުސަތު ފަލަސްތީނުން މި ހޯދީ ރާއްޖޭގެ މައްޗަށް ދެ ފަހަރު ކުރި ހޯދައިގެންނެވެ.
ކޮލިފައިންގައި ކުޅޭ ފަހު މެޗުތައް އޮންނާނީ އަންނަ އަހަރު މާޗް މަހު 27 ގަ އެވެ. އެ ދުވަހު މާލޭގައި ރާއްޖެ ކުޅޭނީ ބޫޓާންއާ އެވެ. ގްރޫޕް އެއް ވަނަ ދިފާއުކުރަން މަސްކަޓްގައި އޮމާނާ ދެކޮޅަށް ފަލަސްތީން ނުކުންނާނެ އެވެ.