16 ނޮވެމްބަރ 2017 - 06:44

ލޭމައްޗަށް ދިއުން ކަމަށް ބަލާ މިންގަނޑު އެމެރިކާއިން ދަށްކޮށްފި އެވެ. މި ނިންމުމާ އެކު، ލޭމައްޗަށް ގޮސްފައިވާ ކަމަށް ބަލަންޖެހޭ މީހުންގެ އަދަދު އެތައް މިލިއަނެއް އިތުރުވެގެން ދާނެ އެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަނާއި އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ އަދި އިތުރު ނުވަ އިދާރާއަކުން ނެރުނު އާ ގައިޑްލައިންގައިވާ ގޮތުން އެމެރިކާ މީހުންގެ ތެރެއިން 130/80 ގައި ނުވަތަ އެއަށް ވުރެ މަތީގައި ލޭގެ ޕްރެޝަރު ހުރި މީހުން ބެލެވޭނީ ލޭ މައްޗަށް ދާ މީހުންގެ ގޮތުގަ އެވެ. މި މީހުން ފަރުވާ ހޯދަން ޖެހެ އެވެ. ކުރީގެ ގައިޑްލައިންގައި އޮތީ 140/90 އަށް ވުރެ މަތިވެއްޖެ ނަމަ ފަރުވާ ހޯދަން ޖެހޭނެ ކަމަށެވެ.
ލޭގެ ޕްރެޝަރު މަތިކަމަށް މާނަކުރާ މިންގަނޑު ދަށްކުރުމުން މިހާރު އެމެރިކާގެ 46 ޕަސެންޓް (103 މިލިއަން) އަށް ވުރެ ގިނަ މީހުންނަކީ ލޭ މައްޗަށް ދާ މީހުން ކަމަށް ބެލެވޭނެ އެވެ. ކުރިިން އަމަލުކުރަމުން ދިޔައީ 2003 ގައި ނެރުނު ގައިޑްލައިނަކަށެވެ. އެ ގައިޑްލައިނުގައިވާ މިންގަނޑަށް ބަލާއިރު އެމެރިކާގައި ތިބީ ލޭ މައްޗަށް ދާ 72 މިލިއަން މީހުންނެވެ.
ލޭ މައްޗަށް ދިއުމާ ގުޅިގެން ދިމާވާ ހިތުގެ ބަލިތަކާއި ސްޓްރޯކަކީ ދުންފަތުގެ އިސްތިއުމާލުކުރުން ފިޔަވައި އެމެރިކާގައި ދެ ވަަނަ އަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ.
އަލަށް ކަނޑައެޅި ގައިޑްލައިންގައި ނޯމަލް ބްލަޑް ޕްރެޝަރަކީ 120/80 ނުވަތަ އެއަށް ވުރެ ދަށްވުން ކަމަށް ބުނާ މިންގަނޑަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. އަދި އާ ގައިޑްލައިންގެ ދަށުން، ލޭ މައްޗަށް ދާ ކަމަށް ބެލެވުނަސް ބޭސް ކާން ފަށާކަށް ނުޖެހެ އެވެ. އެއީ ހަމައެކަނި އިންޒާރުގެ ސިގްނަލެއް ކަމަށް ބަލައި ލޭގެ ޕްރެޝަރު ދަށްކުރުމަށް މަސައްކަތް ފެށުމަށް ވަނީ އިރުޝާދު ދީފަ އެވެ.
ފުރާނައަށް ނުރައްކާވާ ވަރަށް ލޭ މައްޗަށް ދިއުން ކޮންޓްރޯލްކުރަނީ ބޭހުންނެވެ. މީގެ ތެރެއިން ގިނަބޭހަކީ ވަރަށް އަގުހެޔޮކޮށް އާއްމުކޮށް ލިބެން ހުންނަ ބޭހެވެ.
ނަމަވެސް އެހެނިހެން ބޭސް ތަކެކޭ އެއްގޮތަށް، ލޭ މައްޗަށް ދާތީ ބޭނުންކުރާ ބޭހުގައި ވެސް ސައިޑް އިފެކްޓްސް ހުރެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނެސް ބަރުދަން ލުއިކުރުމުން ބޭސް ނުކެޔަސް ފަރުޖެއްސެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭގައި ބަރުދަން ލުއިކުރުން، ކަސްރަތުކުރުން، ފައިދާހުރި ކާނާ ކެއުމަށް ސަމާލުކަން ދިނުން، ލޮނު ކެއުން މަދުކުރުން، ދުންފަތުގެ އިސްތިއުމާލު ނުކުރުން އަދި ވީވަރަކުން ސްޓްރެސްއާ ދުރުވެގެން އުޅުން ހިމެނެ އެވެ.
ލޭ މައްޗަށް ދިއުމާ ގުޅިގެން ދިމާވާ ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ މައްސަލަތަކަކީ އެ ގައުމުގައި ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވާން މެދުވެރިވާ ސަބަބެވެ. އެންމެ ކުރީގައި އުޅެނީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.
ލޭގެ ޕްރެޝަރު ހުންނަން ޖެހޭ އެންމެ ރަނގަޅު މިންވަރަކީ ސިސްޓޮލިކް [ހިތުގައި ވިންދު ޖަހާ ވަގުތު އާޓްރީ ވޯލް ތެރޭން ލޭ ދަތުރުކުރާ ޕްރެޝަރު މިންވަރު] 120 އެވެ. އަދި ޑައަސްޓޮލިކް (ހިތުގެ ދެ ވިންދު ދޭތެރޭގައި ހިނގާ ވަގުތުކޮޅު) 80 ގައި ހުރުމުންނެވެ.