ބެލްޖިއަމް މޮޅުކޮށްދިން ގޯލާ އެކު ލުކާކޫ އަށް ރެކޯޑެއް
ބެލްޖިއަމް މޮޅުކޮށްދިން ގޯލާ އެކު ލުކާކޫ އަށް ރެކޯޑެއް

ބްރޫޖްސް، ބެލްޖިއަމް (ނޮވެމްބަރު 15) - ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރޭ ޖަޕާން އަތުން ބެލްޖިއަމް 1-0 އިން މޮޅުވިއިރު، މި މެޗުގައި ޖެހި ގޯލާ އެކު އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ރެކޯޑެއް ހަދައިފި އެވެ.

ރޭގެ ލަނޑާ އެކު އުމުރުން 24 އަހަރުގެ ލުކާކޫ ވެފައިވަނީ ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އަށެވެ. ޖަޕާން ކޮޅަށް ލުކާކޫ ޖެހި ގޯލަކީ ގައުމީ ޓީމަށް އޭނާ ކާމިޔާބު ކޮށްދިން 31 ވަނަ ގޯލެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން އެ ޓީމުގެ ރެކޯޑް ކުރިން އޮތީ ބާނާޑް ވޫހޫފާއި ޕޯލް ވެން ހިމްސްޓް އަތުގަ އެވެ. މި ދެ ކުޅުންތެރިން ރެކޯޑް ހެދީ 30 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ލުކާކޫ ލަނޑު ޖެހީ ނާސެރް ޗަޑްލީ ނަގައިިދިން ހުރަހަކުން ބޮލުންނެވެ. މީގެ އިތުރުން ވެސް މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ބެލްޖިއަމަށް ލިބުނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކެވިން ޑިބްރޭނާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ލުކާކޫ އެންމެ ފުރަތަމަ ގައުމީ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނީ 2010 ވަނަ އަހަރު ނޮވެމްބަރު މަހު 17 ވަނަ ދުވަހު ރަޝިއާއާ ދެކޮޅަށެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވައިދުން އެ ޓީމުން ޖާގަ ހޯދަމުންނެވެ.

ފާއިތުވި މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑުގައި ލުކާކޫ އަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އޭނާ ވަނީ އެންމެ ފަހުން ބެލްޖިއަމް ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.