މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި
މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ވަޅި ހަރައި ދެ މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ބަޔަކު މިރޭ ހައްޔަރުކޮށްފި އެވެ.

މާފަންނުގެ ގެއަކުން މި މީހުން ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެކަމަކު ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފަރީދީމަގު، އެމްއެޗްއޭ ފިހާރަ ކައިރީގައި ހިންގި މި މާރާމާރީގައި ޒަހަމްވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށް ލިބުނު ޒަހަމްތަކަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދިޔައިރު އެކަކު ލައިގެން ހުރި ޓީޝާޓު އޮތީ، ލެއިން ތަތްތެޅިފަ އެވެ.

މިރޭ މާރާމާރީ މި ހިންގީ، މީގެ މަހެއްހާ ދުވަސް ކުރިން ސިލްސިލާކޮށް ހިންގި މާރާމާރީތައް މެދުކެނޑިފައި އޮތުމަށް ފަހު އެވެ. މިދިޔަ ސެޕްޓެމްބަރާއި އޮކްޓޯބަރު މަހުގެ ހިންގި މާރާމާރީތަކުގައި އެތައް ބަޔަކު ޒަހަމްކޮށްލިއިރު، ތޫނު އެއްޗަކުން ހަމަލާދީ ދެ ޒުވާނަކު ވަނީ މަރާލައިފަ އެވެ.

މި މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

މާރާމާރީތައް ހުއްޓުވައި އަމާން ވެއްޓެއް ގާއިމްކުރަން ފުލުހުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން މޮނިކޮން އަމުރު ހޯދައި ބައެއް މީހުންގެ ފައިގައި ވަނީ ޓެގު ވެސް އަޅުވައިފަ އެވެ.