15 ނޮވެމްބަރ 2017 - 00:30

ރިޝްވަތުގެ މުއާމަލާތުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ތުހުމަތު ކުރި އަހްމަދު ޝާފިއުގެ އާއިލާ މެމްބަރުންތަކެއް ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް މިރޭ ހާޒިރުކޮށް، އެ އެންމެންގެ ފޯނު ހިފަހައްޓައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ދައުވާ އުފުލައި، ޝަރީއަތް ހިންގަމުން ދާއިރު، ޝާފިއުއަކީ ފާރިސް ހަވާލުކުރި ކަމަށް ބުނާ ރިޝްވަތުގެ ފައިސާ މެމްބަރަކަށް ދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމުގެ ތުހުމަތު ކުރެވުނު މީހާ އެވެ. އެ މައްސަލާގައި ޝާފިއު ހައްޔަރުކޮށް، ފަހުން ދޫކޮށްލާފައި ވަނިކޮށް އޭނާގެ މައްޗަށް ދައުވާ ނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
ޝާފިއުގެ އަންހެނުންނާއި އާއިލާގެ އެހެން ތިން މެމްބަރަކު ހާޒިރުކުރީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށެވެ. އެނގިފައިވާ ގޮތުގައި، ފޮނަދޫގައި ދިރިއުޅޭ އެ އެންމެންގެ ފޯނު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ބައެއް މީހުންގެ ފޯނުތައް ހިފެހެއްޓުމަށާއި ގެތައް ބަލައި ފާސްކުރަން ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައި ވަނީ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ހުއްދަ ނޫން މައުލޫމާތުތަކެއް އާއްމުކުރި ކަމަށް ބުނެ ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭގެތެރޭގައި ދިވެހި ރާއްޖޭގެ ޖުޑިޝަރީ އާއި ލ. ގަމު މެޖިސްޓްރޭޓް ކޯޓާއި އެ ކޯޓުގެ މެޖިސްޓްރޭޓްގެ އަގު ވައްޓާލުމުގެ ނިޔަތުގައި ރާއްޖެ ޓީވީ އަށް މައުލޫމާތު ހިއްސާކުރި މައްސަލައެއް ވެސް ހިމެނެ އެވެ.
މި މައްސަލާގައި ފުލުހުންގެ ކޮމެންޓެއް ނުލިބުނެވެ.
ރިޝްވަތުގެ މައްސަލާގައި ހައްޔަރުކޮށް ޝާފިއު ދޫކޮށްލުމާ އެކު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ.
ރާއްޖެއިން ބޭރުގައި ހުރެގެން ރާއްޖެ ޓީވީއަށް މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ޝާފިއު ބުނެފައި ވަނީ އެއްވެސް މީހަކަށް ފައިސާ ދޭން ފާރިސް ހަވާލު ނުކުރާ ކަމަށެވެ.
އޭނާ ބުނީ ފާރިސަކީ އޭނާ ދަންނަ މީހެއް ނަމަވެސް އެއްވެސް ގުޅުމެއް އޭނާއާ ދެމެދު ނޯންނާނެ ކަމަށާއި އެއްވެސް ފައިސާއެއް އެއްވެސް މީހަކަށް ދޭން ފާރިސް އޭނާއާ ހަވާލު ނުކުރައްވާ ކަމަށެވެ. އެކަން ފުލުހުންނަށް ދިން ބަޔާނުގައި ވެސް ބުނެފައިވާނެ ކަމަށާއި އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އެއްޗެއް އޮތް ކަމަށް ދައުލަތުން ބުންޏަސް އެފަދަ އޯޑިއޯއެއް ނޯންނާނެ ކަމަށް ޝާފިއު ބުންޏެވެ.
ޝާފިއު މެދުވެރިކޮށް ފާރިސް ރިޝްވަތު ދިން ކަމަށް ބުނާ މެމްބަރުގެ މައުލޫމާތު ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ، ފާރިސް ރިޝްވަތު ދިން ކަމަށް ބުނަނީ މަޖިލީހުގެ ކޮން މެމްބަރަކަށް ކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެ އެވެ.