14 ނޮވެމްބަރ 2017 - 19:21

މާލޭގައި މިއަދު އިރުއޮއްސުނުއިރު ހިންގި މާރާމާރީއެއްގައި ދެ މީހެއްގެ ގަޔަށް ވަޅި ހަރައިފި އެވެ. މީގެތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
ފަރީދީމަގު، އެމްއެޗްއޭ ފިހާރަ ކައިރީގައި ހިންގި މި މާރާމާރީގައި ޒަހަމްވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ދެ މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިިބުނަސް ހާލު ސީރިއަސްވި މީހާގެ އޮޕަރޭޝަނެއް މިހާރު އަންނަނީ ކުރަމުންނެވެ.
އެ ދެ މީހުންނަށް ލިބުނު ޒަހަމްތަކަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދިޔައިރު އެކަކު ލައިގެން ހުރި ޓީޝާޓު އޮތީ، ލެއިން ތަތްތެޅިފަ އެވެ.
ފުލުހުން އަންނަނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިރޭ މާރާމާރީ މި ހިންގީ، މީގެ މަހެއްހާ ދުވަސް ކުރިން ސިލްސިލާކޮށް ހިންގި މާރާމާރީތައް މެދުކެނޑިފައި އޮތުމަށް ފަހު އެވެ. މިދިޔަ ސެޕްޓެމްބަރާއި އޮކްޓޯބަރު މަހުގެ ހިންގި މާރާމާރީތަކުގައި އެތައް ބަޔަކު ޒަހަމްކޮށްލިއިރު، ތޫނު އެއްޗަކުން ހަމަލާދީ ދެ ޒުވާނަކު ވަނީ މަރާލައިފަ އެވެ.
މި މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
މާރާމާރީތައް ހުއްޓުވައި އަމާން ވެއްޓެއް ގާއިމްކުރަން ފުލުހުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން މޮނިކޮން އަމުރު ހޯދައި ބައެއް މީހުންގެ ފައިގައި ވަނީ ޓެގު ވެސް އަޅުވައިފަ އެވެ.