14 ނޮވެމްބަރ 2017 - 15:49

ރާއްޖެ އިން ތައިލެންޑަށް ކަނޑައެޅި ސަފީރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އިނގިރޭސި ވިލާތުގެ ލަންޑަނުން 57 މިލިއަން ރުފިޔާގެ (2.8 މިލިއަން ޕައުންޑް) ގެއެއް ބައްލަވައިގެންފި އެވެ.

ޑީއާރުޕީގެ ލީޑަރު ނަޝީދު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ބައްލަވައިގަތީ އިނގިރޭސި ވިލާތުގެ މުހިންމު ސަރަހައްދެއް ކަމަށްވާ ވެސްޓް ލަންޑަނުގެ ގެއެކެވެ. އެއީ ޓޫރިޒަމް ދާއިރާގައި ކުރައްވާ މަސައްކަތުން ލިބިވަޑައިގަންނަވާ އާމްދަނީން ބައްލަވައިގަތް ގެއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ކަނިފުށި ރިސޯޓުގައި އެގްޒެކްޓިވް ޑިރެކްޓަރުކަން ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި އޭނާ އަކީ ކަނިފުށި ރިސޯޓުގެ އެއް ހިއްސާދާރެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ލަންޑަނުން ގެއެއް ބައްލަވައިގަތީ ސިއްރުން ކުރެއްވި މުއާމަލާތެއްގެ ތެރެއަކުން ނޫނެވެ.
"އަޅުގަނޑު ކުރި ބުރަ މަސައްކަތުން ހޯދި ގެއެއް އެއީ. މިއީ ކޮންމެ މީހަކު ވެސް މަސައްކަތް ކޮށްފިނަމަ، ނުވާވަރުގެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނޮޅިވަރަމު ދާއިރާގެ މެމްބަރުކަން 2009 އިން 2014 އަށް ކުރެއްވި ނަޝީދު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ވަކި ހިސާބަކުން ޑީއާރުޕީއާ ގުޅިވަޑައިގަތީ އެވެ.
ނަޝީދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕޮލިޓިކަލް އެފެއާޒް ޑިވިޝަންގެ ސެކްރެޓަރީ ކަން ކުރައްވައިފަ އެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަހު ދަރުމަވަންތަ ސްކޫލްގެ ޓީޗަރު ކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރެއްވީ އެމްއެންޑީއެފްގަ އެވެ.
ނަޝީދު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް، އާޓްސް އިން ލިންގްއިސްޓިކްސް ދާއިރާ އިން ބެޗްލާސް ހާސިލް ކުރައްވައިފަ އެވެ.