15 ނޮވެމްބަރ 2017 - 06:44

އިންސާނާއަށް ސަޖިދަޖަހަން އިބިލީހަށް އެންގެވިއެވެ. މިހާރު މީ އިބިލީހަށް ސަޖިދަޖަހަން އިންސާނުން ބޭނުންވާ ޒަމާނެވެ. ގޯތިގެދޮރާއި ފައިސާގެ ދަހިވެތިކަމުގައި ސިހުރު ހެދުމަކީ އާންމު ކަމެކެވެ. ސިހުރުގެ ކަސްތަޅުގައި ހައްޔަރުވެފައި ތިބޭ މީހުން މިނިވަންކުރުމަކީ އަހަރެންގެ މަސައްކަތެވެ. އަހަރުމެންގެ އާންމު ނަމަކީ ރާޤީއެވެ. އަހަރެންގެ އުމުރަކީ ތިރީސް ފަސް އަހަރެވެ. ޗުއްޓީގައި އިންޑިޔާއަށް ފުރުމުގެ ކުރިން، ރަމީޒު ނަމަކަށް ކިޔާ މީހަކަށް އަހަރެން ރުޤްޔާކުރީމެވެ. އޭނަގެ މައްސަލައަކީ ބަނޑުގައި ރިއްސުމެވެ. ޑޮކްޓަރުންނަކަށް ވާނުވާއެއް ނޭނގެއެވެ. ރަމީޒަށް ކިޔަވަން ފެށި ދުވަސްވަރު އޭނަ ގާތަށް އަންނަ އެއްވެސް އެއްޗެއް އޭނައަކަށް ނުފެނެއެވެ. ޖިންނިއެއް އަޔަސް ނުވަތަ ގާތުގައި ހުއްޓަސް އޭނައަކަށް ނޭނގެއެވެ. އަހަރެން ކިތަންމެ ވަރަކަށް ކިޔެވިޔަސް އޭނަ މަޑުމަޑުން އޮންނަނީއެވެ. އަނގަޔަކުން ނުބުނެއެވެ. އެކަމަކު، ކިޔަވައި ނިމުނީމައި ލުއިވާ ވާހަކަ ބުނެއެވެ.
އިންޑިޔާއަށް ދާން ޓިކެޓު ނުލިބިދާނެތީއާއި އަގު ހެޔޮކޮށް ޓިކެޓު ނަގަންވެގެން، އަހަރެން ދެ މަސް ކުރިން ޓިކެޓު ނެގީމެވެ. ފުރުމުގެ ކުރިން ކިޔެވި އެންމެ ފަހު ރޭ، ކުއްލިއަކަށް ރަމީޒަށް އެއްޗެހިތައް ފެންނަން ފެށިއެވެ. ވަރަށް ބިޔަ ހަތަރު "އެތި" އުދުހިފައި އެ ތަނަށް ވަން ވާހަކަ ރަމީޒު ބުންޏެވެ. އެއީ ކޮން ވައްތަރެއްގެ އެއްޗެއްކަމެއް ރަމީޒަކަށް ނޭނގެއެވެ. އޭނަ ކިޔައިދިން ގޮތުން އަހަރެން ނިންމީ އެއީ ހަތަރު މާރިދުން ކަމަށެވެ. ރުހުމުގައި މައްސަލަ ޙައްލުކުރަން އަހަރެން ވަރަށް ގިނަ ވާހަކަދެއްކީމެވެ. ޖިންނީން ދޫދޭކަށް އެއްބަހެއް ނުވިއެވެ. ރަމީޒަށް ސިހުރު ހަދަނީ ކާކުތޯ އެހުމުން އެ ސުވާލަކަށް ޖަވާބެއް ނުދިނެވެ. އަހަރެން ނަސޭހަތްދިނީމެވެ. އަޑެއް ނޭހިއެވެ. އަހަރެން އިންޒާރު ދިނީމެވެ. އެނބުރިދިޔުމަށް ބުނީމެވެ. ނުދިޔައެވެ. އެހާ ހިސާބުން ދެން އަންދާލުން ނޫން އެހެން ގޮތެއް ނެތުނީއެވެ. އަހަންނަށް އަންދައިލެވުނީ ތިނެއްޗެވެ. ހަތަރުވަނަ އެތި ފިލީއެވެ. މަރުވި ތިން އެކުވެރިންގެ މަރުގެ ބަދަލުހިފާނެކަމަށް އަހަންނަށް އިންޒާރުދީފައެވެ. އެ ކަހަލަ އިންޒާރުތައް އަހަންނަށް ބައިވަރު ލިބެއެވެ.
"އަހަރުމެން ދިރިއުޅޭ ހިސާބަށް އަހަރުމެން ވަރަށް ގަދަވާނެ،" މާރިދު ބުނިކަމަށް ވެއެވެ. "ތި ރާޤީ ގެންދާނަން އެ ތަނަށް. އަންގާލާނަން މަށަކީ ކިހާ ބާރުގަދަ ޖިންނިއެއްކަން."
އިންޑިޔާ ދަތުރުގައި އިނާޔާ ބައިވެރިވިއެވެ. އިނާޔާއަކީ އަހަރެންގެ އަންހެނުންނެވެ. ހަ އަހަރަށް ދާ ދަރިފުޅު އުމޭރު ވެސް ހުރީ، އިންޑިޔާއަށް ދެވޭތީ ވަރަށް އުފާވެފައެވެ. ދުވަސްވަރަކީ އިންޑިޔާގެ ފިނިމޫސުމުގެ ދުވަސްވަރެވެ. އަހަރުމެން ބެންގަލޫރަށް އައީ، ޗެކަޕެއް ހަދައިލައިފައި، ތަންތަން ބަލައިލައިފައި، ބާޒާރުކޮށްލައިގެން މާލެދާ ގޮތަށެވެ. ކަންދިމާވި ގޮތުން އެއް ޓެސްޓުގެ ނަތީޖާ ލިބުން ހަތަރު ދުވަހަށް ފަސްވީއެވެ. އެހާ ދުވަހު ބެންގަލޫރުގައި ތިބުމުގެ ބަދަލުގައި އޫޓީއަށް ޖައްސައިލުމަކީ އިނާޔާއަށް ކުއްލިއަކަށް އައި ޚިޔާލެކެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އަހަރެން އެ ކަމަށް ތާއީދު ކުރީމެވެ. ވަގުތުންވަގުތަށް ކާރަކަށް ގުޅައިގެން ދަތުރު ހަމަޖައްސައިލީއެވެ.
އޫޓީއަށް ވާރޭ ވެހެއެވެ. ހުއްޓައިލައިފައި އޮންނަނީ ވަރަށް ކުޑަ އިރުކޮޅަކަށެވެ. އޫޓީއަށް ދިޔުމަށް ޓަކައި ދަތުރުކުރަމުން ދަނިކޮށް، ކުއްލިއަކަށް ވަރަށް އެހެން ކަހަލަ އެއްޗެއް އަހަރެންގެ ހިތަށްއެރިއެވެ.
"ކޮބާ ތި އާދެވެނީ މަގޭ ގެއަށް،" ހިތަށްއެރުމަށް ވުރެ ބޮޑަށް އަހަންނަށް ހީވީ އިވުނު އަޑެއްހެންނެވެ. އަހަންނަށް ވަށައިގެން ބަލައިލެވުނު ވެސް މެއެވެ. "މަ ބުނިންތާ މަގޭ ބާރުފޯރާ ހިސާބަށް ކަލޭ ގެންނާނަމޭ. މަށޭ މި ދަތުރު ރޭވީ."
އެއީ ބޭއިޚުތިޔާރުގައި ހިތަށްއެރި އެއްޗެކެވެ. ޖިންނިޝައިތާނުންގެ ވަސްވާހަކީ ވެސް އެ ފަދައިން ކުރެވޭ އިހުސާސެކެވެ. މަދު ފަހަރަކު އަޑެއް އިވުނަސް، ގިނަ ފަހަރަށް ޝައިތާނާ ވަސްވާސްދޭނީ އެ ގޮތަށެވެ. ހީވާނީ، ނުދެނަހުއްޓައި ހިތަށްއެރި އެއްޗެއްހެންނެވެ. އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ. މާރިދު ދިން އިންޒާރު ވެސް ކުއްލިއަކަށް ހަނދާންވިއެވެ. ހިތަށްއެރިއެވެ. މި އުޅެނީ އަނެއްކާ ކިހިނެއް ވާންބާއެވެ؟ ކޮން ކަމެއް ލައިގަންނަނީބާއެވެ؟ އެ ދަތުރުގައި އޫޓީ ދަތުރެއް ނުވެސް ހިމެނެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެ ދަތުރު ރޭވީ އިނާޔާއެއް ނޫނެވެ. "އެހެން" ބަޔެކެވެ. އޭނަގެ ސިކުނޑިއަށް ވަސްވާސްދީގެންނެވެ. އެ ވަރަށް ވިސްނައި ނުލެވި އަހަރުމެންނަށް ދަތުރު ފެށުނީއެވެ. އޫޓީއާ ހިސާބަށް އާދެވިއްޖެއެވެ. ދެން އަނބުރައިލައިފައި ބެންގަލޫރަށް ދާން ދައްކާނެ ބަހަނާއެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެން ނިންމީމެވެ. ފަސްއެނބުރުމެއް ނެތެވެ. ފިނޑިވުމެއް ވެސް ނެތެވެ. ޖިންނިޝައިތާނުން ކުރިމަތިކުރާ ކޮންމެ ނުރައްކަލަކަށް ﷲ ވަނީ ރައްކާތެރިކަން ދެއްވައިފައެވެ. އެސޮރުމެންނަށް އަހަރުމެން ބިރުގެންނެވިދާނެއެވެ. ރައްކާވެތިބިއްޔާ ގެއްލުމެއް ނުދެވޭނެއެވެ.
އަހަރުމެންގެ ދިފާޢީ ފާރު ވަގުތުން ފަށްފަށް ކޮށްލީމެވެ. ގާތުގައި އިން އިނާޔާއަށް ދޮންކަޅުމިން ވެސް އަންގައިނުލައެވެ. ރުޤްޔާ ކުރުމަކީ އިނާޔާ ވަރަށް ބިރުގަންނަ ކަމެކެވެ. އޭނައަށް ހީވަނީ، އަހަރެންގެ އަތްދަށުން ދެމިގަންނަ ޖިންނިއެއް އައިސް އޭނައަށް ނުވަތަ އުމޭރަށް ގޯނާއެއް ކޮށްފާނެހެންނެވެ. އަހަރެންގެ ކިބައިން ބަދަލުހިފުމަށް ޓަކައެވެ. މަޔެއްގެ ހައިސިއްޔަތުން އެއީ ގަބޫލުކުރެވޭ ބިރެކެވެ. އެހެންނަމަވެސް، އަހަރެން ހުންނާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފައެވެ. އެ ފާރުތައް ފޫއަޅުވައިލަން ޖިންނީންނަކަށް ފަސޭހައެއް ނުވާނެއެވެ. ކިތަންމެ ވަރަކަށް އަހަރެން އެހެން ބުނި ނަމަވެސް، އިނާޔާއަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވެއެވެ. ރުޤްޔާކުރުން ހުއްޓައިލަން ވެސް އެދުނެވެ. އެ ކަމަށް ހުންނަ ޝައުޤުވެރިކަމެއްގެ ސަބަބުން އަހަންނަށް ހުއްޓައިނުލެވުނީއެވެ. ވީމާ، ކުއްލިއަކަށް އަހަރެންގެ ހިތަށްއެރި އެތި އިނާޔާއާ ހިއްސާކުރާކަށް ނުކެރުނެވެ. އޭނަ ބިރުގެންފާނެތީއެވެ. އެހެންނޫނަސް، އެއީ ވަހުމެކެވެ. ހީވި އެއްޗެކެވެ. ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. ބޭކާރު ގޮތުގައި ދަތުރުގެ ފޯރި ގެއްލުވައި ނުލުމަކީ އަހަންނަށް ފެނުނު އެންމެ މޮޅު ގޮތެވެ.
އޫޓީގައި އަހަރުމެން ތިބޭ ހޮޓާ ހަމަޖެއްސީ އިނާޔާއެވެ. އިންޓަނެޓު މެދުވެރިކޮށެވެ. ހޮޓަލުގެ ނަމަކީ ހޮޓެލް ޑައިމަންޑު ވިއުއެވެ. އަހަރުމެންނަކީ، އިންޓަނެޓުން ހޮޓާ ހަމަޖެއްސުމުގެ މާ ބޮޑު ތަޖުރިބާއެއް ހުރި ބަޔެއް ނޫނެވެ. ޖަހައިފައި އޮތީ ފަސްތަރީގެ ތަނެއް ކަމަށެވެ. ހީވަނީ އާ ތަނެއްހެންނެވެ. ފޮޓޯތައް ވަރަށް ރީއްޗެވެ. އަހަރުމެން ދަތުރުކުރީ ކާރެއްގައެވެ. ހޮޓަލާ ހަމައަށް ދެވުނުއިރު އިރުއޮއްސިއްޖެއެވެ. ހީކުރި ވަރަށް ވުރެ ވެސް މޫސުން ފިންޏެވެ. އަހަރުމެން އިންޑިޔާއަށް އައީ އޫޓީއަށް ދާން ތައްޔާރުވެގެނެއް ނޫނެވެ. ދަތުރުގައި އެ މަންޒިލެއް ނުހިމެނެއެވެ. ފިނިއިރު ލާ ހެދުމެއް ނެތެވެ. އިނާޔާއަކީ ފިންޏަށް ވަރަށް ބަލި މީހެކެވެ. އަހަންނާއި ދަރިފުޅަކަށް މާ ބޮޑު މައްސަލައެއް ނެތެވެ. ހޮޓަލަށް ދިޔުމުން ބުނީ ހުސް ކޮޓަރިއެއް ނެތްކަމުގައެވެ. އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ ބެންގަލޫރުން އޫޓީއަށް އަހަރުމެން ނައްޓައިލީ ހޮޓާ ހަމަޖައްސައިފައެވެ. ހޮޓަލުން ޔަގީންކަން ވެސް ދިނެވެ.
"އެކަމަކު މިކޮޅުން އޯކޭ ވެސް ދީފަ އޮތީ!" އަހަރެން ބުނީމެވެ. "މިއޮތީނު!"
އަހަރެން ފޯނު ދިއްކޮށްލީމެވެ. ފޯނު ބަލާކަށް މެނޭޖަރު ޝައުޤުވެރިކަމެއް ނުދިނެވެ.
"މި ބުނީނު ކޮޓަރިއެއް ނެތޭ!" ހަރުކަށި ރާގެއްގައި އިނގެރޭސިބަހުން އޭނަ ޖަވާބުދިނެވެ. "ޔޫ ގޯ!"
އަހަރެންގެ ރަށެއް ނޫނެވެ. ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ހިތަށްއެރިއެވެ. ދެން އޮތް ގޮތަކީ، ތަނެއް ފެނޭތޯ ދުއްވުމެވެ. އަނެއްކޮޅުން ފިނީގެ މައްސަލަ ވަރަށް ބޮޑުވިއެވެ. ފުރަތަމަ ކަމަކަށް ހަދަން ޖެހުނީ ފިނިއިރު ލާނެ ހެދުމެއް ހޯދުމެވެ. އަހަރުމެންނަކީ އޫޓީ ދަންނަ ބަޔެއް ނޫނެވެ. އެ ތަނަށް އައީ އަލަށެވެ. ބަރޯސާވާން ޖެހުނީ ކާރުގެ ޑުރައިވަރަށެވެ. އެއީ ވެސް އަލަށް ދިމާވި މީހެކެވެ. އޭނައަށް ވެސް އޫޓީ އެނގެނީ ކުޑަކުޑަކޮށެވެ. ބަލާބެލުމަށް ހީވަނީ އޭނައަކީ ހިތްހެޔޮ މީހެއްހެންނެވެ. ޖެހުނީ ހީއަށް އިތުބާރު ކުރާށެވެ. ހެދޭނެ އެހެން ގޮތެއް ނެތެވެ. ހޮޓަލެއް ފެނޭތޯ ދުއްވިއިރު، ކުރޮޅިއެއްހާ ހިސާބު ވެސް މަގުމައްޗަކުން ނުފެނެއެވެ. އެ ކަމާ އަހަރެން ވަރަށް އަޖައިބުވިއެވެ. ކުރޮޅި ނުދުއްވާ ހިސާބެއް އިންޑިޔާގައި އޮވެގެން ނުވާނެއެވެ. އެކަމަކު، އެންމެ ކުރޮޅިއެއް ވެސް ނުފެނެއެވެ. ފައިމަގުގައި އުޅޭ މީހުން ބައިވަރެވެ. މަދުމަދުން ސައިކަލު ފެނެއެވެ.
ފިނިއިރު ލާ ހެދުމެއް ފުރަތަމަ ފެނުނީ ވަރަށް އާދައިގެ ފިޔަފާޅިގަނޑެއް ކަހަލަ ފިހާރައަކުންނެވެ. އަވަހަށް އެ ތަނުން އެއްޗެއް ގަތީމެވެ. ގަޔަށް އެހާ ހެޔޮވަރެއް ނޫނެވެ. ތަންކޮޅެއް ބާހެން ވެސް ހީވެއެވެ. ބަލައިލަން ރީއްޗެއް ވެސް ނޫންމެއެވެ. އެކަމަކު، ބޭނުން ފުދޭތީ ގަތީއެވެ. އެ ހެދުން ލީމައި ޖަހާ ސިފައަށް އިނާޔާއަށް ޖޯކުޖަހައި ސަމާސަކުރަން ހުއްޓައި، ދާދި ގާތުގައި ހުރި "ހޮޓަލެއް" އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭރު ގަޑިން ރޭގަނޑު އަށެއްޖަހައިފިއެވެ. މަގުތަކުން މީހުން މަދުވާން ފަށައިފިއެވެ. ވާ ގޮތެއް ބަލައިލަން އެ ތަނަށް ދިޔައީމެވެ. އެ ތަނުގެ ނަމަކީ ހޮޓެލް ސާގަރު ގާޑްން ވިޔުއެވެ. ގާރޑަން ކިޔަސް އަހަންނަކަށް ބަގީޗާއެއް ނުފެނެއެވެ. އެ އިން ޒަމާނަކު ވެސް ތަނުގެ މަރާމާތެއް ކުރިހެނެއް ހިއެއްނުވެއެވެ. އެހެންނަމަވެސް، ތަނަށް ލިބިފައިވާ އިނާމާއި، ސެޓުފިކެޓުތަކާއި، ހަނދާނީލިޔުންތަކުން ފާރު ހުރީ ފުރެން ކައިރިވެފައެވެ. ނަންބޯޑު ބުނާގޮތުން އެއީ ވެސް ފަސް ތަރީގެ ތަނެކެވެ. އެ އިން އެއްވެސް ކަމެއް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. މާލޭގެ އެންމެ އާދައިގެ ގެސްޓުހައުސެއް ވެސް އެ ހޮޓަލަށް ވުރެ ހާސް ގުނަ ރީތިވާނެއެވެ. ދެން ހުރީ ލަކްޝަމީއެވެ. އިސްކޮޅުން ކުރު، ހިކި، މެދު އުމުރުގެ އަންހެނެކެވެ. ހާރަކަށް ވެސް ތަރާވީހަކަށް ވެސް ހުރި މީހަކީ އެއީއެވެ. ތަނަށް އަންނަ މީހުންގެ ނަން ރަޖިސްޓަރީކުރުމާއި، ފޯނަށް ޖަވާބުދިނުމާއި، ފޮށިތައް އުފުލަން ވެސް ހުރީ އޭނައެވެ. އިނގެރޭސި ކިޔަވައިދޭ ތަނެއްގެ ދޮރުމަތިން އޭނަ ހިނގައިފައިހުރިކަން ނަސީބެކެވެ. ހަތަރެސްފައިގެ އެހީއާ އެކު އަހަރެންގެ ވާހަކަ ލަކްޝަމީއަށް އޮޅުންފިލައެވެ. އެހެން ހޮޓަލަކަށް ދާން އަހަރެން ބޭނުންވިއެވެ. އެ ކަމަށް ހުރަސްއެޅީ، ދަތުރުވަރުބައްޔާއި ހައިހޫނުކަމެވެ. ލަކްޝަމީ ހުރީ ފޮށިތައް އުފުއްލައިދޭން ތައްޔާރަށެވެ. އެކަމަކު އޭނަ ލައްވާ ސިޑިން ފޮށިތައް އަރުވަން އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.
"މީހާގެ ސިފަޔަށް ބަލާފަ އޭނަގެ ފެންވަރު ވަޒަން ނުކުރައްޗޭ!" އިންޒާރުގެ ރާގެއްގައި ލަކްޝަމީ ބުނެލިއެވެ.
ނުނިމޭ