"ގޯލްމާލް އެގެއިން" ދެ ބިލިއަނަށްވުރެ ގިނައިން ހޯދައިފި
"ގޯލްމާލް އެގެއިން" ދެ ބިލިއަނަށްވުރެ ގިނައިން ހޯދައިފި

"ގޯލްމާލް އެގެއިން" ރިލީޒްކުރިތާ 25 ދުވަސް ތެރޭ 200 ކްރޯޑު (ދެ ބިލިއަން) ރުޕީސް އަށް ވުރެ ގިނައިން ހޯދައިފި އެވެ.

ބިރުވެރި-ކޮމެޑީ މި ފިލްމަކީ މިއަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ހޯދި ފިލްމަށް ވެސް ވަނީ ވެފަ އެވެ.

ފިލްމުގެ އެއް އެކްޓަރު އަޖޭ ދޭވްގަންގެ މިހާތަނަށް ނުކުތް ހުރިހާ ފިލްމެއްގެ ތެރެއިން ދެ ބިލިއަން ރުޕީޒް ހޯދުނު ފުރަތަމަ ފިލްމަށް ވެސް "ގޯލްމާލް އެގެއިން" ވަނީ ވެފަ އެވެ. އަދި މިއީ ސަލްމާން ޚާންގެ "ޓިއުބުލައިޓް" އާއި ޝާހްރުކް ޚާންގެ "ޖަބް ހެރީ މެޓް ސޭޖަލް"ގެ ބޮޑު ނާކާމިޔާބީ އަށް ފަހު ފިލްމު އިންޑަސްޓްރީއަށް ހަމަޖެހުމުމެއް ލިބުނު ފިލްމަކަށް ވެސް ވަނީ ވެފަ އެވެ.

މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ފްލޮޕްވި ފިލްމުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަޖޭ ބުނީ ރަނގަޅު ފިލްމުތަކުގެ ތެރެއިން ނުހިނގާ ފިލްމުތައް ވަރަށް ނެތް ކަމަށެވެ. ފިލްމުތައް ނުހިނގާފައި ވަނީ ކޮންޓެންޓް ރަނގަޅު ނުވީމަ ކަމަަށް ދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ގޯލްމާލް އެގެއިން" އާ ބޮކްސް އޮފީހުގައި ކުރިމަތިލީ އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ" އެވެ. އެ ފިލްމަށް ވެސް "ގޯލްމާލް އެގެއިން" އާ ބަލާއިރު ލިބުނީ ވަރަށް މަދުންނެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ގޯލްމާލް އެގެއިން" ގައި އަޖޭގެ އިތުރުން ޕަރިނީތީ ޗޯޕްރާ، ތައްބޫ، އަރްޝަދު ވާރްސީ އަދި ތުޝާރު ކަޕޫރު ވެސް މުހިއްމު ރޯލުތައް ކުޅެފައިވެ އެވެ.