07 ޖުލައި 2016 - 07:31

ބަލްގިސް މަގުބޫލުކަން ހޯދާފައިވާ ދިވެހި ބްރޭންޑެކެވެ. އެކި ވައްތަރުގެ އަމިއްލަ އުފެއްދުންތަކާއި ނަލަ ސްޓައިލްތަކަށް ބުރުގާ އަޅާދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ. މި އީދަށް ހާއްސަކޮށް ބަލްގިސް ބްރޭންޑުން ވަނީ ބުރުގާ ދަތި ކަލެކްޝަނެއް ނެރެފަ އެވެ.

"އީދު އަލް ފިތުރު 2016" ގެ ނަމުން ބަލްގިސް ތައާރަފު ކުރި ބުރުގާ ދަތި ކަލެކްޝަންގައި ތަފާތު ވައްތަރުތައް ހިމެނެ އެވެ.

"ރައިދާ" ދަތި ސެޓަކީ ފަރުމާކޮށްފައި ވަނީ ވިއްސާރަ ދުންޏަކުން ފެންނަ ކުލަތައް ބޭނުންކޮށްގެން މާ ޖަހައިފަ އެވެ. އޭގެ ދައްޗެއް ލިބެނީ 30ރ. އަށެވެ. އޭގެ ހުރިހާ ކުލައެއް ހިމެނޭ ސެޓެއް 380ރ. އަށް ލިބެ އެވެ.

"ޒަންޔާ" އަކީ ރައިންސްޓޯނުން ޖަރީކޮށް ރަން ޕްލޭޓުކޮށްފައވާ ދައްޗެކެވެ. މި ދަތީގެ ދިގުމިނުގައި ހުންނަނީ ތިން އިންޗި އެވެ. މީގެ ދައްޗެއް 45ރ. އަށް ލިބޭއިރު ދެ ދަތި ހިމެނޭ ސެޓެއް ލިބެނީ 90ރ. އަށެވެ.

"ރަބިއާ" އަކީ ރިހި ކުލައިގެ ރައިންސްޓޯން ޖަހާފައިވާ ޗާލު ދައްޗެކެވެ. "މަލަކް" އާއި "ހަޔާ" އަކީ ވެސް ހެދުމުގައި ނުވަތަ ބުރުގާ ގައި ޖަހާލަން ވަރަށް ހިތްގައިމު ދަތިތަކެކެވެ. "ސައިރާ" އާއި "މަނަރ" ގެ ފަރުމާ ވަރަށް ޝާހީ އެވެ.

ބަލްގިސްގެ މި ހާއްސަ ދަތި ކަލެކްޝަނުގެ ކޮންމެ ދައްޗަކީ ވެސް އަތުން ކޮށްފައިވާ މަސައްކަތެވެ.
"އެންމެ ފަހުގެ ޓްރެންޑްތަކާއި ސްޓައިލުތަކަށް ވިސްނައިގެން ފަރުމާކޮށްފައި ހުރި މި ދަތިތައް އެކި ކުލައިގެ ހެދުމާއި ބުރުގާއާ ގުޅުވާލައިގެން ޖަހާލެވޭނެ،" ބަލްގިސް ބްރޭންޑުގެ ބާނީ އައިޝަތު ދީމާ ބުންޏެވެ.
އޭނާ ބުނީ މިދަތިތައް ބަލްގިސްގެ ސްޓޫޑިއޯއިން މިހާރު ގަންނަން ލިބޭނެ ކަމަށެވެ.