15 ނޮވެމްބަރ 2017 - 06:46

ސަންޖޭ ލީލާ ބާންސާލީގެ ފިލްމު "ޕަދްމާވަތީ"ގެ މައްސަލަތައް އަދިވެސް ވަނީ ގޯހެވެ. ފިލްމާ ދެކޮޅަށް މަސައްކަތްކުރާ ގްރޫޕްތަކާއި މީހުން ވަނީ އިތުރެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި ފިލްމާ ދެކޮޅު ބޮޑެތި މުޒާހަރާތައް ޝްރީ ރާޖްޕޫތު ކަރްނީ ސޭނާ އާއި ބީޖޭޕީ ވީއެޗްޕީ ފަދަ ޕާޓީތަކުން ދަނީ ބާއްވަމުންނެވެ. މި މުޒާހަރާތަކުގައި 15 މީހުން މިހާތަނަށް ހައްޔަރު ކޮށްފައި ވެ އެވެ. އެއާ އެކު "ޕަދްމާވަތީ"ގެ އެއް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ބާންސާލީގެ ދިފާއުގައި މުޅި ހިންދީ ފިލްމު އިންޑަސްޓްރީ ކަހަލަ ގޮތަކަށް ވަނީ ތެދުވެފަ އެވެ.
ބާންސާލީގެ ދިފާއުގައި ވާހަކަ ދެއްކި ގިނަ އަދަދެއްގެ ފަންނާނުންގެ ތެރެއިން އެކަކީ މަޝްހޫރު ތަރި ސަލްމާން ޚާނެވެ. ބާންސާލީ އާއެކު "ޚާމޯޝީ" އާއި "ހަމް ދިލް ދޭޗުކޭ ސަނަމް" އަދި "ސާވަރިޔާ"ގައި މަސައްކަތް ކޮށްފައިވާ ސަލްމާން ބުނީ ފިލްމެއްގައި ހިތްހަމަނުޖެހޭ މަންޒަރެއް އޮތްތޯ ބަލަން ސެންސަރު ބޯޑެއް އޮންނަ ކަމަށާއި އެމީހުންނަށް ވަކި ގޮތަކަށް ކަނޑައަޅަން ފުރުސަތު ދިނުން ރަނގަޅުވާނެ ކަމަށެވެ.
ސަލްމާން ބުނި ގޮތުގައި ސަންޖޭ ލީލާ ބާންސާލީ އަކީ ވަރަށް މޮޅު އަދި އެހާމެ ރީތި ފިލްމު އުފައްދާ ޑައިރެކްޓަރެކެވެ. އޭނާގެ ފިލްމުތަކުގައި ބަތަލާއިން ވަރަށް ރީތި ވާނެ ކަމަށް ބުންޏެވެ. އަދި އޭނާގެ ފިލްމުތަކުގައި ދުވަހަކުވެސް ބޭއަދަބީ މަންޒަރުތަކެއް ނުދައްކާނެ ކަމަށް ވެސް ބުންޏެވެ. އޭނާ ބުނީ، އެހެންކަމުން ބާންސާލީގެ ޓްރެކް ރެކޯޑަށް ބަލާއިރު މީހުން ހިތްހަމަނުޖެހިދާނެ ކަހަލަ އެއްވެސް މަންޒަރެއް ނުހިމެނޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ފިލްމު ފްރެޓާނިޓީގެ މެމްބަރުން ވެސް ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައި ބާންސާލީ އަށް އެމީހުން ކުރާ ތާއީދު ހާމަކޮށްފަ އެވެ. ފިލްމު ޑައިރެކްޓަރު އަދި ސޯޝަލް އެކްޓިވިސްޓް އަޝޯކް ޕަންޑިތު ވަނީ ފިލްމު އުފައްދާ މީހުންނާ ދޭތެރޭ މީހުން ކަންތައް ކުރާ އިހާނާތްތެރި ގޮތާ ބެހޭ ގޮތުން ވަރަށް އަސަރުގަދަ ސްޕީޗެއް ދީފަ އެވެ. އޭނާ ބުނި ގޮތުގައި އެ މީހުންނަކީ ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ ކްރިއޭޓިވް ބަޔަކަށް ވާއިރު އެމީހުންނާ ދޭތެރޭ އެފަދަ ގޮތަކަށް އަމަލު ކުރުން ހައްގު ނޫން ކަމަށެވެ.
ފިލްމު ރިލީޒްކުރުމާ ދެކޮޅަށް މުޒާހަރާކުރާ މީހުން ބުނަމުން ދަނީ ފިލްމުގައި ރާނީ ޕަދްމާވަތީގެ ކެރެކްޓާ ވެސް ދައްކާފައިވަނީ ހަގީގަތާ އެއްގޮތަކަށް ނޫން ކަމަށެވެ. އަދި ފިލްމާ ދެކޮޅުވެރިވާ ގިނަ މީހުން އިތުރަށް ރުޅިގަދަވީ ފިލްމުގެ ނުބައިބައި ކެރެކްޓާ އަލާއުއްދީން ޚިލްޖީ (ރަންވީރު ސިންގް) އާއި ރާނީ ޕަދްމާވަތީ (ދީޕިކާ ޕަދުކޯން)ގެ ހުވަފެނީ މަންޒަރެއް ހިމެނޭ ކަމަށް ފެތުރިފައިވާ އަޑުތަކުންނެވެ.
ނަމަވެސް މިފަދަ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމެނޭ ކަމަށް ބާންސާލީ ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ސެންސަރު ބޯޑުން ފާސްކުރުމަށްފަހު މުޒާހަރާ ކުރާ ގްރޫޕްތަކަށް ފިލްމު ދައްކަން ތައްޔާރު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.