ވަރުން ދަވަން އަގުބޮޑުކުރުމުން ޝަކުވާ
ވަރުން ދަވަން އަގުބޮޑުކުރުމުން ޝަކުވާ

ވަރުން ދަވަން އެންމެ ފަހުން ކުޅުނު "ޖުޅްވާ 2" އަށް ލިބުނު ބޮޑު ކާމިޔާބަށްފަހު އޭނާ ވަނީ ފިލްމު ކުޅެދޭ އަގާއި ބްރޭންޑްތައް އިޝްތިހާރުކޮށްދޭ އަގު ބޮޑުކޮށްފަ އެވެ. ނަމަވެސް ބްރޭންޑްސްތައް އެންޑޯޒްކޮށްދޭ އަގު ބޮޑުކުރުމުން އެކަމާ ވަރަށް ގިނަ ބްރޭންޑްތަކުން ވަނީ ހިތްހަމަނުޖެހިފަ އެވެ.

ވަރުން އެންޑޯޒްކުރާ ވަރަށް ގިނަ ބްރޭންޑްތައް މިހާރު ވެސް އެބަހުއްޓެވެ. މައްސަލަތައް ދިމާވެފައި ވަނީ އޭނާ ލައްވާ އަލުން ސޮއިކުރުވަން އުޅޭ ބްރޭންޑްތަކަށެވެ.

ވަރުން ބްރޭންޑްތައް އެންޑޯޒްކުރާ އަގު ކުރިއަށް ވުރެ ދެ ގުނަ އިތުރުކޮށްފިކަން އެނގުމުން އެމީހުންނަށް އެކަން ގަބޫލުކުރަން ވެސް ދަތި ކަމަކަށްވެ އެވެ. ސަބަބަކީ ދެ ގުނަ އިތުރުކުރުމުން އޭނާގެ ފީ ވަރަށް ބޮޑަށް މައްޗަށް ދާތީ އެވެ.

އެންމެ ކުރިން ބްރޭންޑްތަކުން ވަރުން އަލަށް ކިޔަން ފެށި އަގު ސީރިއަސްކޮށެއް ނުނަގަ އެވެ. ސަބަބަކީ ވަރުން އެހާ ބޮޑު އަގެއް ކިޔާފާނެ ކަމަށް ގަބޫލުކުރަން ދަތިވީމަ އެވެ. ނަމަވެސް ހަގީގަތުގައި ވެސް އޭނާ މިހާރު ކިޔަނީ އެ އަގުކަން އެނގުމުން ވަރަށް ގިނަ ބްރޭންޑްތަކުން މިހާރު ވަނީ ދެ ވަނަ ވިސްނުމަކަށް ގޮސްފަ އެވެ.

އެހެންކަމުން ވަރުންގެ މެނޭޖްމަންޓް ޓީމުން މިހާރު އަންނަނީ އެކަށީގެންވާ އަގެއް ކިޔުމަށް ވަރުން އަށް މަޝްވަރާ ދެމުންނެވެ. ނޫން ނަމަ ވަރަށް ގިނަ ބްރޭންޑްތައް އޭނާއަށް ގެއްލިދާނެ ކަމަށް އޭނާގެ ޓީމުގައި މަަސައްކަތް ކުރާ މީހުން ވެސް ގަބޫލުކުރެ އެވެ.