14 ނޮވެމްބަރ 2017 - 11:11

މެންޗެސްޓާ (ނޮވެމްބަރު 14) – އޭނާގެ އަގު ސްޕެއިނަށް ވުރެ އިންގްލެންޑުގައި މާބޮޑަށް ވަޒަންކުރާ ކަމަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބުނެފި އެވެ.
ފަހަކަށް އައިސް ސްޕެއިނުގެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް އަންނަނީ އިންގްލެންޑުގައި ކުޅެމުންނެވެ. އޭގެ ތެރޭގައި ޑެހެއާގެ އިތުރުން ޑޭވިޑް ސިލްވާ އާއި ހުއާން މަޓާ އާއި އަލްވާރޯ މޮރާޓާ އަދި ސެސާ އަޒްޕިލިކުއެޓާ ހިމެނެ އެވެ.
"އަހަރެން އެކަންޏެއް ނޫން. ރަނގަޅު ނިޔަތެއްގައި ސްޕެއިން ދޫކޮށްލާ ގިނަ ކުޅުންތެރިންނަށް ސްޕެއިން ފުޓްބޯޅައިގައި މާބޮޑު ސަމާލުކަމެއް ނުލިބޭ. އެ މީހުން އެހާ ބޮޑަށް އަހަރެމެން ވާނުވާއެއް ނުބަލާ. އެއާ އެކު އާއްމުން ކުޑަކޮށް އަހަރެމެން މަތިން ހަނދާން ނެތޭ،" ޑެހެއާ ބުންޏެވެ.
ޑެހެއާ ބުނީ އެކަމަކު ވީހާ ވެސް ގިނައިން ސްޕެއިން ފުޓްބޯޅައިގެ ތެރޭ އުޅެ ވާހަކަދައްކަން މަސައްކަތްކުރާ ކަމަށެވެ.
ސްޕެއިނުގައި ދުނިޔޭގެ ވަރުގަދަ ލީގެއް އޮވެ އަދި ވަރުގަދަ ދެ ކްލަބް ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އޮންނައިރު އެ ގައުމުގެ މަތީ ފަންތީގެ ކުޅުންތެރިން ވާދަވެރި ލީގެއްގައި ކުޅުމަކީ ސްޕެއިން ސަޕޯޓަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ލަފާކުރެވެ އެވެ.