15 ނޮވެމްބަރ 2017 - 06:49

އިންޑިއާ ދެ މީހަކު، ކައިވެނިކުރަން ހަމަޖެއްސި ދުވަސް އައި އިރު އަންހެން މީހާ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުމުން ހޮސްޕިޓަލުގައި ކައިވެނިކޮށްފި އެވެ.
މުހައްމަދު ޝާހްނަވާޒް އާއި ހީރާ ޖާވިދު ކައިވެނި ކުރަން އޮތް ދުވަހުގެ ކުރީ ދުވަހު ކުއްލިއަކަށް ހީރާ ބަލިވެގެން އެޑްމިޓްކުރި އެވެ. އަދި ކައިވެނިކުރަން އޮތް ދުވަހު ވެސް ގެޔަށް ފޮނުވަން ޑޮކްޓަރުން އެއްބަސްނުވީ އެވެ. އެހެންވެ ހޮސްޕިޓަލްގެ ހުއްދައާ އެކު އެތަނުގެ ކޮންފަރެންސް ހޯލްގައި ކައިވެނިކުރީ އެވެ.
ފިރިހެން މީހާ ގާޒީ އާއި ހެކިވެރިން ގޮވައިގެން ހޮސްޕިޓަލަށް ގޮސް ކައިވެނިކުރީ އާއިލާގެ 15 މީހެއްގެ ހާޒިރުގަ އެވެ.
ހީރާ ކިޔާ ފިލްމެއްގައި ވެސް މިފަދަ ގޮތަކަށް ދިމާވެ އެވެ. ބައެއް މީހުން މި ކައިވެނި ސިފަކުރީ އެ ފިލްމު ފަދައިންނެވެ.
ހީރާ ބުނީ ރޭވި ގޮތަށް ކައިވެނި ނުދިއުމުން ދެރަވާ ކަމަށާއި އެކަމަކު ކޮންމެ ގޮތަކަށް ނަމަވެސް، އެ މީހުން ރޭވި ދުވަހު ކައިވެނި ކުރެވުމުން އުފާވާ ކަމަށެވެ.
ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ހީރާ، 28، މިދިޔަ ބުދަ ދުވަހުގެ ރޭ އާ ކައިވެނީގެ ހެދުން އަޅުވައިގެން ކައިވެނީގެ ރަސްމިއްޔާތަށް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމަށް ގެދިޔައިރު ވެސް އިނީ ނޭފަތަށް ހޮޅި ގުޅައިފަ އެވެ. އަދި އަތަށް އައިވީ ވެސް ގުޅާފައި ހުއްޓެވެ.