05 ޖުލައި 2016 - 14:45

މާދަމާގެ ފިތުރު އީދު ނަމާދަށް ފަހު އިދިކޮޅު އިއްތިހާދުގެ ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށް އިއްތިހާދުން މިއަދު ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖެހިފައި އޮތީ ރޯދަ މަހާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށް ދާތީ ކަމަށެވެ. އެކަމަކު މާދަމާ އިސްލާމީ މަރުކަޒުގައި އީދު ނަމާދަށް ފަހު ކުރާ ޚާއްސަ ދުއާއަކާ އެކު އިއްތިހާދުގެ ހަރަކާތްތައް ބާރު ދުވެއްޔެއްގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ އިދިކޮޅު ވިސްނުމަށް ލޯބިކުރާ އެންމެން އެ ޖަމާއަތުގައި ބައިވެރިވާން އިއްތިހާދުން ވަނީ ގޮވާލައިފަ އެވެ.
"އަޅުގަނޑުމެންގެ އެދުމަކީ މާލޭގައި ތިބި އަޅުގަނޑުމެންނަށް ލޯބިކުރާ ހުރިހާ މީހުން އާއިލާއާ އެކީގައި ދުއާގައި ބައިވެރިވުން،" މަހްލޫފް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އީދު ސަލާންކުރެއްވުން ވެސް މިފަހަރު އޮންނަނީ އިސްލާމީ މަރުކަޒުގަ އެވެ. އެ ރަސްމިއްޔާތު އޮންނަނީ ހެނދުނު 8:30 އިން 9:30 އަށެވެ.
އިދިކޮޅު އިއްތިހާދުން ގޮވާލީ ރައީސް ޔާމީނާ އީދު ސަލާންކުރަން ވީހާވެސް ގިނަ ބަޔަކު ދިއުމަށެވެ. އެގޮތުް ކޯލް ސެންޓަރުތައް ގާއިމުކޮށްގެން ވެސް މީހުން ގެންދަން މަސައްކަތް ކުރާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"ރައީސާ ސަލާމަތް ކުރައްވާފައި މިވަގުތަށް އެންމެ ރަނގަޅީ ރައީސް ޔާމީން އިސްތިއުފާ ދެއްވުން ކަމަށް ބުނުމުގެ ފުރުސަތު މިވަނީ ލިބިފައި،" މަހްލޫފް ވިދާޅުވި އެވެ.