މިޔަންމާ ކުއްޖަކު ރީނދޫ ހަމެއްގައި ބަންގްލަދޭޝް އަށް
މިޔަންމާ ކުއްޖަކު ރީނދޫ ހަމެއްގައި ބަންގްލަދޭޝް އަށް

މިއަންމާގެ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ، އުމުރުން 13 އަހަރުގެ ނަބީ ހުސެއިން އަށް ފަތާކަށް ނޭނގެ އެވެ. ކުރިން ދުވަހަކުވެސް މޫދު ވެސް ދެކެފައި ނުވާ މި ކުއްޖާއަށް ފަތާކަށް ވެސް ނޭނގެ އެވެ. މިއަންމާގެ އަވަށަކުން ފިލައިގެން ބަންގްލަދޭޝް އަށް ކަނޑުމަތީ ކުރަން ޖެހުނު 2.5 މޭލުގެ ދިގު ދަތުރުގައި އޭނާގެ ފުރާނަ ސަލާމަތްވީ ރީނދޫ ހަމެއްގައި ބައްދައިގެން އޮތުމުގެ ސަބަބުންނެވެ.

މިޔަންމާ ކުއްޖަކު ރީނދޫ ހަމެއްގައި ބަންގްލަދޭޝް އަށް
މިޔަންމާ ކުއްޖަކު ރީނދޫ ހަމެއްގައި ބަންގްލަދޭޝް އަށް

މިޔަންމާގައި ލިބެމުންދާ އަނިޔާތަކަށް ކެތް ނުކުރެވިގެން އެ ގައުމުން ބަންގްލާދޭޝް އަށް ވަރަށް ގިނަ މީހުން ކަނޑު ހުރަސްކޮށްދެ އެވެ. މިކަމަށް އާންމުކޮށް ރީނދޫ ހަން ބޭނުންކުރެ އެވެ.

"އަހަރެން މަރުވެދާނެތީ ވަރަށް ބިރުގަތް. އަހަރެން ހީކުރީ މީ ދެން އަހަރެންގެ އެންމެ ފަހު ދުވަސް ކަމަށް،" ނަބީ ހުސެއިން ބުންޏެވެ.

ހަމުގައި ބައްދައިގެން އޮއްވައި ނަބީއަށް ބަންގްލާދޭޝް އަށް ދެވުނީ އޮޔާ ދެމެމުން ކަހަލަ ގޮތަކަށެވެ. އެކަމަކު މިއަންމާގައި ނަބީގެ މައިންބަފައިންނަށް، އޭނާ ދުނިޔޭގައި ހުރި ކަމެއްވެސް ނޭނގެ އެވެ.

ނަބީ ބުނި ގޮތުގައި އޭނާގެ އާއިލާ އެހެން މީހުން ވެސް މިއަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވާން ކަނޑު ހުރަސްކޮށް ދާން ބޭނުންވި އެވެ. އަދި މޫދާ ހިސާބަށް އެ މީހުން އައީ މަރާފައި ތިބި އެތައް ބަޔަކު ހުރަސްކޮށްފައި ކަމަށް ބުންޏެވެ.

އެހެންވެ ހަތަރު ދުވަސްވަންދެން ބަނޑުހައިކަން މަތީ ގޮނޑުދޮށުގައި ތިބުމަށްފަހު މޫދަށް އެރިގެން ބަންގްލަދޭޝް އަށް ދާން ބޭނުން ކަމަށް ނަބީ އޭނާގެ މައިންބަފައިން ގާތު ބުންޏެވެ. ނަމަވެސް މައިންބަފައިން އެކަމާ ގަބޫލެއް ނޫނެެވެ. ނަބީގެ ބޭބެއެއް ވެސް މީގެ ދެ މަސް ކުރިން އެގޮތަށް ފަތާފައި ދާން ވެގެން މޫދަށް އެރުނު ގޮތަށް އަދި އަދަށް ވެސް އެއްވެސް ޚަބަރެއް ނުވެ އެވެ. އެހެންކަމުން އެއްގޮތަކަށް ވެސް ފަތަން ނޭނގޭ ނަބީ އަށް އެހާ އޮއިބާރު ތަނެއްގައި ސަލާމަތުން ކޯރު ހުރަސް ކުރެވިދާނެ ކަމާ މެދު އޭނާގެ މައިންބަފައިންނަށް ޔަގީންކަމެއް ނެތެވެ.

ނަބީ ދަތުރު ފެށީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ރީނދޫ ހަމެއް ކޮންމެ މީހަކުވެސް މޭ މަތީގައި ބަނދެގެންނެވެ. އެމީހުންގެ ދަތުރުފެށީ ބަންގްލަދޭޝްއާ ދިމާލަށް އޮއިވަރު ދަަމަން ފެށުމުންނެވެ. މި މީހުން ތިބީ ކޮންމެ ތިން މީހަކު އެއް ވާގަނޑަކުން ބަނދެގެން ގްރޫޕް ގްރޫޕަށެވެ. ނަބީގެ ގްރޫޕްގައި އޭނާ އޮތީ މެދުގަ އެވެ. ސަބަބަކީ އޭނާ ކުޑަ ވެފައި ފަތަން ނޭނގޭތީ އެވެ.

ރީނދޫ ހަމުގައި ފެންގަނޑު ތެރޭގައި އޮޔާ ގެންދިޔައިރު ބައެއް ފަހަރަށް ނަބީއަށް ލޮނު ބޮވެ އެވެ. އަނެއްބައި ފަަހަރަށް ފެން ބޮވައިގަތުމުން ގަސްތުގައި ވެސް އޭނާ ލޮނު ބުއި ކަމަށް ބުންޏެވެ.

ނަބީ ފަދައިން، މައިންބަފައިންނާ ނުލައި މިއަންމާއިން ބަންގްލަދޭޝް އަށް އެތެރެވެފައިވާ 40،000 އަށް ވުރެ ގިނަ ކުދިން އެ ގައުމުގައި މިހާރު ދިރިއުޅެ އެވެ.