16 ނޮވެމްބަރ 2017 - 06:42

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ވޮންޑަ ވުމަން" ގެ ދެވަނަ ބައި ރިލީޒް ކުރާ ތާރީހު އަވަސްކޮށްފި އެވެ.
ގަލް ގެޑޯ ޓަައިޓްލް ރޯލް ކުޅޭ "ވޮންޑަ ވުމަން 2" ރިލީޒް ކުރަން ކުރިން ތާވަލު ކުރީ ޑިސެމްބަރު 13، 2019 ގަ އެވެ. ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ ނޮވެމްބަރު 1، 2019 ގައި ރިލީޒް ކުރުމަށެވެ.
ބައެެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމް ރިލީޒް ކުރާ ތާރީހު އަވަސް ކުރީ، އެ ފިލްމް ރިލީޒް ކުރަން ނިންމި ތާރީހާ ވަރަށް ގާތްކޮށް ލޫކަސް ފިލްމްސް އާއި ޑިޒްނީގެ "ސްޓާ ވޯސް: އެޕިސޯޑް 9" ރިލީޒް ކުރަން ނިންމުމާ ގުޅިގެންނެވެ. އެ ފިލްމް ސިނަމާތަކަށް ގެންނަ ނިންމާފައި ވަނީ ޑިސެމްބަރު 20، 2019 ގަ އެވެ.
"ވޮންޑަ ވުމަން 2" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ފުރަތަމަ ބައި ވެސް ޑައިރެކްޓް ކުރި ޕެޓީ ޖެންކިންސް އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމްގެ މަސައްކަތުން ޕެޓީ އަށް 8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ.
މިދިޔަ ޖޫން މަހުގެ 2 ގައި ރިލީޒް ކުރި "ވޮންޑަ ވުމަން" އާންމުންގެ މެދުގައި ވަރަށް މަގުބޫލް ފިލްމަކަށް ވެގެން ދިޔަ އިރު، ބޮކްސް އޮފީހުގައި ފިލްމަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. ފިލްމް ހަދަން ހަރަދުވީ 149 މިލިއަން ޑޮލަރެވެ.
"ވޮންޑަ ވުމަން" އާންމުންނަށް ވަރަށް ކަމުދިޔަ ނަމަވެސް، މި ފިލްމަށް ހޮލީވުޑްގެ ނުފޫޒު ގަދަ ބައެއް މީހުންގެ ފާޑު ކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ. އޭގެ ތެރޭގައި "އެވެޓާ" އާއި "ޓައިޓޭނިކް" ފަދަ މޮޅެތި ފިލްމްތައް ހެދި ޖޭމްސް ކެމެރަން ހިމެނެ އެވެ.