14 ނޮވެމްބަރ 2017 - 10:12

ޕްރޮފެސަރު ހަސަން އުގައިލް ރާއްޖޭގެ ސުކޫލުތަކުގައި ލެކްޗަ ދެއްވަން ހުރަަސްތަކަކާ ކުރިމަތިވެއްޖެ އެވެ.

އުގައިލް އަންނަނީ ދޭތެރެދޭތެރެ އިން ރާއްޖެ ވަޑައިގެން ސުކޫލުތަކަށާއި ރަށްރަށަށް ޒިޔާރަތް ކުރައްވައި ސައިންސާއި އާންމު ދިރިއުޅުމާ ގުޅޭ ގޮތުން ތަފްސީލީ މައުލޫމާތުތަކެއް ދަރިވަރުންނަށް ދެއްވަމުންނެވެ. އެކަމަށް ދަރިވަރުންނާއި ރަށު ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ވެސް ލިބެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އުގައިލް މެދުވެރިކޮށް ސްކޫލްތަކުގައި އެފަދަ ޕްރޮގްރާމްތައް ހިންގުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދ ހޯދަން ވަނީ އަންގައިފަ އެވެ. ނަމަވެސް ހިލޭސާބަހަށް ދިވެހި އިލްމުވެރިޔަކު ކުރައްވާ ކަމަކާ ގުޅިގެން އެފަދަ އެންގުމެއް އެންގި ވަކި ސަބަބެއް ނޭނގެ އެވެ.
"އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ މިނިސްޓްރީގެ ބޭރުން އަންނަ ޕުރެޝަރެއްހެން. އުގައިލް ރަށްތަކަށް އައީމަ ވަރަށް ބޮޑު ތާއީދެއް އޮވޭ. އެހެންވީމަ އެކަން އެހެން ގޮތަކަށް މާނަ ކުރަނީހެން ހީވަނީ،" މި މައްސަލައިގެ މައުލޫމާތު އެނގި ހުރި މީހަކު ބުންޏެވެ.
އެކަމާ ގުޅިގެން ޕްރޮފެސަރު އުގައިލް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީން ބައެއް ސްކޫލްތަކަށް އެހެން އެންގިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
"އަޅުގަނޑު މިކަން ކުރަނީ އަޅުގަނޑަށް ލިބިފައި ހުރި ތައުލީމެއްގެ އަލީގައި ދިވެހި ރައްޔިތުންނަށް އެއްޗެއް ބުނެދިނުމަށް. މިހެން މި ކަންވުމަކީ ވަރަށް ބޮޑަށް އަޅުގަނޑު ހިތާމަކުރާ ކަމެއް،" އުގައިލް ވިދާޅުވި އެވެ.
މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އުގެއިލް މެދުވެރިކޮށް، ސްކޫލުތަކުގައި ޕްރޮގްރާމް ނުހިންގުމަށް އަންގާފައި ނުވާނެ ކަމަށެވެ.
"އުގެއިލް މެދުވެރިކޮށް ސްކޫލުތަކުގައި އެއްވެސް ޕްރޮގްރާމެއް ހިންގުމަށް ހުރަހެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރަން ކޮރަލިއަން ލެބްގެ ނަމުގައި ޅ. ވައްވަރުގައި، އުގައިލް ހިންގަވަމުން ގެންދެވި މަރުކަޒު ހުއްޓާލައި އެ ރަށް މި އަހަރުގެ މޭ މަހު ވަނީ ސަރުކާރަށް ނަގައިފަ އެވެ.
އުގައިލަކީ އިނގިރޭސި ވިލާތުގެ ބްރެޑްފާޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާ އިން ސިނިއާ ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އައްޑޫ ސިޓީ އަށް އުފަން އުގައިލަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރުކަން ހާސިލްކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ ވެސް މެ އެވެ. ހިސާބާއި ކޮމްޕިއުޓަރު ސައިންސްގެ ދާއިރާ އިން ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އުގައިލް ގެންދަވަނީ އިލްމީ ގޮތުން ދިވެހިން ހޭލުންތެރިކުރުމަށް ތަފާތު ގމަސައްކަތް ހިލޭ ސާބަހަށް ވެސް ކުރައްވަމުންނެވެ.