އަނަސްގެ މަރާ ގުޅިގެެން ފިލައިގެން އުޅުނު ދެ މީހުންނަށް ވެސް ދައުވާކޮށްފި
އަނަސްގެ މަރާ ގުޅިގެެން ފިލައިގެން އުޅުނު ދެ މީހުންނަށް ވެސް ދައުވާކޮށްފި

މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ވެސް ދައުވާ އުފުލައި، މާދަމާ ޝަރީއަތް ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ފިލައިގެން އުޅެނިކޮށް އަތުލައިގަތީ ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒެވެ. އެ ދެ މީހުންގެ މައްސަލަ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކޯޓަށް ފޮނުވުމުން މާދަމާ މެންދުރު އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

އަފްރާހުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ޝާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދެ މީހުންނަށް ކުރާ މި ދައުވާ ސާބިތުވެއްޖެ ނަމަ އެ ކުށުގެ އަދަބަކީ މެރުމެވެ. އެކަމަކު ހުކުމް ތަންފީޒު ކުރުމުގެ ކުރިން އަނަސްގެ ވާރިސުންގެ ތެރެއިން އެކަކު ވެސް އެ މީހުންނަށް މައާފް ދީފި ނަމަ ނުވަތަ މަރުގެ ދިޔަ ބޭނުންވެއްޖެ ނަމަ މަރުގެ އަދަބުން ސަލާމަތްވެ، އެ މީހުންނަށް އަންނާނީ އުމުރަށް ޖަލަށްލުމުގެ އަދަބެވެ.

އަނަސް މަރާލި މައްސަލާގައި ދެ މީހުންގެ އިތުރުން އިތުރު ފަސް މީހަކާއި 17 އަހަރުގެ ކުޑަކުއްޖަކަށް ވެސް ދައުލަތުން ކުރިން ވަނީ ދައުވާކޮށްފަ އެވެ. އެ މީހުންގެ ޝަރީއަތް ކޯޓުން ކުރިން އޮތީ ފަށައިފަ އެވެ.