ސްޓޮކް އެކްސްޗޭންޖާއި ސެކިއުރިޓީސް ޑިޕޮސިޓަރީ އަށް އާ ސީއީއޯއެއް އައްޔަންކޮށްފި
ސްޓޮކް އެކްސްޗޭންޖާއި ސެކިއުރިޓީސް ޑިޕޮސިޓަރީ އަށް އާ ސީއީއޯއެއް އައްޔަންކޮށްފި

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯގެ މަގާމަށް އާ ބޭފުޅަކު އެ ކުންފުނިތަކުގެ ބޯޑުން އައްޔަންކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެ ކުންފުނިތަކުގެ ބޯޑުން ފާސްކޮށްގެން ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އައުޝަން ލަތީފް ކަމަށެވެ. ބަޔާނުގަައިވާ ގޮތުން، އޭނާ އަކީ 2016 ވަނަ އަހަރު އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވާސިޓީން މާސްޓާ އޮފް ފައިނޭންސުން މަތީ ތައުލީމް ހާސިލްކޮށް އެ ގައުމުގެ ފައިނޭންސް ދާއިރާގެ ކުންފުނިތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ބަޔާނުގައި ބުނެފައިވަނީ، އޭނާ އެ މަގާމަށް ހޮވާފައިވަނީ އާންމުކޮށް އިއުލާނު ކުރުމުން ކުރިމަތިލި މީހުންގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމާއެކު ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތަށް މި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާ ވަސީލަތްތައް ފުޅާކޮށް ތަރައްގީކުރުން. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ކުރިއަރަމުންދާ އެކިދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތައް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް ބާރުއެޅުމާއި ސްޓޮކް އެކްސްޗޭންޖްގައި ޓްރޭޑްކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތައް އިތުރަށް ފުޅާކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން،“ އައުޝަން ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ސްޓޮކް އެކްސްޗޭންޖްގެ އެންމެ ބޮޑު އެއް އަމާޒުގެ ގޮތުގައި އެ ކުންފުނިން ކަނޑައަޅާފައި ވަނީ، ޓެކްނޮލޮޖީގެ ޒަރީއާއިން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ގުޅުވާލައި ކެޕިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކޮންމެ ރައްޔިތަކަށްމެ ފަހިކޮށްދިނުމެވެ. މިގޮތުން މިއަހަރު ތެރޭގައި ސެކިއުރީޓސް ޑިޕޮސިޓަރީން ތައާރަފުކުރި "އިންފިނިޓީ ޕޯޓަލް" އިތުރަށް ތަރައްގީކޮށް، އެ ޕޯޓަލްއިން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައުޝަން އެ މަގާމަށް އައްޔަން ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ހަސަން މަނިކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.