13 ނޮވެމްބަރ 2017 - 14:08

ޕީޕީއެމުން އޭނާ "ގެއްލިއްޖެ" ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އޭނާ މިވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީނާ އެންމެ އަރިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަލާހު ޕީޕީއެމުގެ ޖަލްސާތަކުން މިހާރު ނުފެންނަ ކަމަށް ބުނެ މީޑިއާ އާއި ސޯޝަލް މީޑިއާގައި އޭނާ އަށް ދަނީ ތުހުމަތުތައް ކުރަމުންނެވެ. ފަލާހް ޕީޕީއެމުން ގެއްލުނީ، އޭނާއާ ގުޅުން ހުރި ވިޔަފާރިއަކާ ގުޅޭ ގޮތުން ޕީޕީއެމްގެ ވައިބާ ގްރޫޕްގައި ދެއްކެވި ވާހަކަތަކެއްގެ ސްކްރީން ޝޮޓް ލީކުވުމާ ގުޅިގެން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
ހެލްތު ސެންޓަރުތަކަކަށް މެޝިނާއި ކެމިކަލް ހޯދުމުގައި، ފަލާހްގެ އިތުރުން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުކޮށް ސޯޝަލް މީޑިއާ އަށް އެ މައުލޫމާތު އާއްމުކުރީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރެއިން ކަމަށް، ލީކުވި މެސެޖްތަކުގައި ފަލާހު ލިއުއްވި އެވެ.
އެކަމަކު އެއީ ބަޔަކު ހަދާފައިވާ މެސެޖްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު މިވަގުތު ހުންނެވީ އަނބިކަނބަލުން ވިހެއުމުގެ ކަންކަމުގައި ސްރީ ލަންކާގަ އެވެ.
"މިތާގައި ހުރެގެން ކިހިނެއްތޯ މާލޭގައި ބާއްވާ ޖަލްސާތަކަށް ދާނީ؟ އަޅުގަނޑު މާލެ ދެވުނުހާ އަވަހަކަށް ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކުން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި އޭނާ ޕާޓީ ދޫކޮށްލައްވައިފި ކަމަށް މީޑިއާތަކުގައި ލިއަނީ "ޕީޕީއެމް ހިސޯރުކޮށްގެން އުޅޭ ދެތިން މީހެކެ"ވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ފަލާހް ވިދާޅުވީ ލީކުވި ކަމަށް ބުނާ މެސެޖްތަކަކީ "ހަގީގަތެއް ނެތް، ބަޔަކު ހަދާފައި ހުރި އެއްޗެކެ"ވެ. އެ މެސެޖުގައިވާ ފަދަ އެއްވެސް ވާހަކައެއް އޭނާ ނުދައްކަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި އޭނާ އަދިވެސް ހުންނެވީ ރައީސް ޔާމީނާ އެކުގަ އެވެ. އަދި 2018 ގެ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބަޔަކު ކިތަންމެ ވާހަކަތަކެއް ހެދި ނަމަވެސް، ފަލާހު ވިދާޅުވީ، "ދެ ގޮތެއް ނުވެ ރައީސް ޔާމީނާ އެކު ދެމިހުންނާން" ކަމަށެވެ.