ސުލޫކީ ކޮމެޓީ އަށް ފާރިސް ހާޒިރުވާން އަންގައިފި
ސުލޫކީ ކޮމެޓީ އަށް ފާރިސް ހާޒިރުވާން އަންގައިފި

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހިލާފުވި މައްސަލާގައި ޕީޖީ ގްރޫޕުން އޭނާ ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހުށަހެޅި މައްސަލަ އެ ކޮމެޓީން ބަލަން ނިންމައިފި އެވެ.

ފާރިސްއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގައި މިއަދު މެންދުރު ފަހު 2:00 އަށް ކޮމެޓީ އަށް ހާޒިރުވާން އޭނާ އަށް ވަނީ އަންގައިފަ އެވެ. ނަމަވެސް ފާރިސް ވިދާޅުވީ ކޮމިޓީއަށް ހާޒިރުވާން އޭނާ އަށް އަދި ނާންގާ ކަމަށެވެ. ފާރިސްގެ އިތުރުން، ސަރުކާރަށް ފާޑުކިޔައި ޓުވީޓެއްކޮށްގެން މަގާމުން ވަކިކުރި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި މާލޭ ސިޓީގެ މެމްބަރު ޒައިދުލް އަމީން ވެސް ވަނީ ކޮމެޓީ އަށް ހާޒިރުވާން އަންގައިފަ އެވެ.

ނާދިރާއާ ގުޅޭ ގޮތުން ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ޓުވީޓް ކުރި މައްސަލަ އެވެ. ޒައިދާ ގުޅޭ ގޮތުން ބަލަނީ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި އޭނާ ފާޑު ވިދާޅުވާ މައްސަލަ އެވެ.ޕީޕީއެމްގައި އުފެދިފައިވާ ކޯޅުމާ ހެދި އެ ޕާޓީ އޮފީހުގައި ސުލޫކީ ކޮމެޓީ ބާއްވަން ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުއްދައެއް ނުދެއްވި އެވެ. އެހެންވެ ކޮމެޓީ ބާއްވަން ނިންމާފައި ވަނީ ހ. ކޮރަލް ރީފްގަ އެވެ.

ސުލޫކީ މި ކޮމެޓީ މި ބާއްވަނީ ޕާޓީގެ ހުރިހާ ބާރުތައް ނަންގަވައި އެ މަނިކުފާނުގެ ހުއްދަ ނެތި އެއްވެސް ކޮމެޓީއެއް ނުބާއްވަން މައުމޫން އަންގަވާފައި ވަނިކޮށެވެ.

ފާރިސްއާ މެދު ފިޔަވަޅު އަޅަން ފޮނުވީ އިއުލާން ނުކޮށް ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސް ކުރަން ވިޕްލައިން ނެރެފައި ވަނިކޮށް، އެ ނިންމުމާ ހިލާފުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިދިޔަ ހަފުތާގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުމަކާ ފާރިސް ހިލާފުވެވަޑައިގަތުމަކީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ. އެ ގްރޫޕްގެ ނިންމުންތަކާ އެހެން މެމްބަރުން ވެސް ހިލާފުވެވަޑައިގަތުމުން ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މައުމޫން ވަނީ ފާރިސްއާ ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ފާރިސް އަމަލުކުރީ އެމަނިކުފާނު އެންގެވި ގޮތަށް ކަމަށާއި ވިޕްލައިނާ ހިލާފުވި އެހެން މެމްބަރުންނާ މެދު ފިޔަވަޅު ނާޅައި ފާރިސްއާ މެދު އެޅުމަކީ އިންސާފެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.