14 ނޮވެމްބަރ 2017 - 07:14

ކޮސްމެޓިކްސްގައި ހުންނަ، ތިމާވެއްޓަށް ގެއްލުން ދޭ ކުދިކުދި ޕްލާސްޓިކް ފުއްތައް ނެތިގެން ދިއުން އަވަސްކުރުވާ ޓެކްނޮލޮޖީއެއް ސްވިޑްންގެ ކޭޓީއެޗް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެންޑް ސައިންސްގެ ޓީމުން އީޖާދުކޮށްފި އެވެ.
ތިމާވެއްޓަށް ހުރި އެންމެ ބޮޑު އެއް ނުރައްކަލަކީ ޕްލާސްޓިކް ކަމަށް ވާއިރު އެއީ ނެތިގެން ނުގޮސް އެތައް ޒަމާނަކަށް ހުންނަ އެއްޗެކެވެ.
ގެއްލުން ވަނީ ހަމައެކަނި ބޮޑެތި ޕްލާސްޓިކަކުން ނޫނެވެ. ދަތްއުނގުޅާ ބޭހާއި މޫނުގައި އުނގުޅާ އެކި ވައްތަރުގެ ކްރީމްތަކުގައި ހުންނަ ކުދިކުދި ޕްލާސްޓިކް ފުއްފުކަކީ ވެސް ވަރަށް ނުރައްކާތެރި މާއްދާއެކެވެ. މީގެ ފުއްފުއް ވަރަށް ފަސޭހައިން ނަރުދަމާގެ ތެރެއަށް ދެމިގަނެއެވެ. އޭގެ ސަބަބުން، މޫދަށް ބޭރުވާ ފެނުގެ ތެރޭގައި ހުންނަ މިބާވަތުގެ ފުއްތަކުން، ކަނޑުގައި އުޅޭ ދިރުންތަކަށް ނޭދެވޭ އަސަރު ކުރެއެވެ. ކުލަރީތި މި ބާވަތުގެ ފުއްފުއް ދިރުވާލައިގެން އުޅޭ މަސްމަހާމެހީގެ ސަބަބުން މުޅި ކަނޑުގެ ދިރުމަށް ގެއްލުން ލިބެ އެވެ. މަސް ވިހަވުމާއި އާލާނުވުން ފަދަ ކަންތައްތައް މީގެ ތެރޭގައި ހިމެނެއެވެ. އިންސާނުން މިހާރު ވިސްނަންޖެހިފައިވަނީ ޕްލާސްޓިކްގެ ކުނޑިފުކެއް ވިޔަސް ކަނޑުގެ ތެރެއަށް ދޫވެގެން ނުދާނެ ގޮތެއްވޭތޯއެވެ.
އާންމު ގޮތެއްގައި ޕްލާސްޓިކް ނެތި ދަނީ ސީދާ އިރުގެ އަވީގައި ގިނަ ދުވަސްވެ، ފޮޓޯކެޓެލެޓިކް އޮކްސިޑޭޝަން ކިޔާ ޕްރޮސެސްއަކުންނެވެ. ސްވިޑްންގެ ކޭޓީއެޗް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެންޑް ސައިންސްގެ ޓީމުން ކުރި ކަމަކީ މި ޕްރޮސެސް އަވަސްކޮށްދޭނެ އެއްޗެއް އުފެއްދުމެވެ. ސްވިޑްންގެ އެހެން ކުންފުންޏެއް ކަމަށްވާ ޕީޕީ ޕޮލީމާ އޭބީ ކުންފުންޏާ ވެސް ގުޅިގެން ކޭޓީއެޗުން ތަރައްޤީކުރަން ފަށާފައިވާ މި ފިލްޓަރު އުފެއްދުމުގެ މަސައްކަތުން ބޮޑު ބައި މިހާރު ވަނީ ނިމިފަ އެވެ.
މީގެ ފިލްޓަރުގައި ބޭނުންކުރާ ފަށަލަ އުފައްދާފައިވަނީ ލޮލަށް ނުފެންނަހާ ކުދިކުދި ނެނޯސްކޭލް ވަޔަރުތަކަކުންނެވެ. ފެނުގައި ޖަމާވެފައިވާ މީގެ ކުދި ކުދި ޕްލާސްޓިކް ފުއްތަކަށް ސީދާ އިރުގެ އަލި އެޅުމުން އިރުން އަންނަ އިލެކްޓްރޯންގެ މާއްދާގެ އެހީގައި ޕްލާސްޓިކްގައި ހުންނަ އެޓޮމްތައް ކާބަންޑައިއޮކްސައިޑަށް ނޫނީ ފެނަށް ބަދަލުކުރުވައެވެ.
ކޭޓީއެޗްގެ ޓީމުން ތަރައްޤީކުރަމުންދާ މީގެ ފިލްޓަރުތައް މިހާރު އަންނަނީ އަޖުމަ ބެލުމަށް ތައްޔާރުކުރަމުންނެވެ. މި ފިލްޓަރަކީ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި 2021 ވަނަ އަހަރާ ހަމައަށް ޔޫރަޕްގައި ހިންގަމުންގެންދާ ޕްރޮޖެކްޓެއްގައި ހިމެނޭ ކަމެކެވެ.