13 ނޮވެމްބަރ 2017 - 14:38

"ބިގް ބޮސް"ގެ ގެޔަށް ޝޯގެ ހޯސްޓް ސަލްމާން ޚާން މިފަހަރު "ވީކްއެންޑް ކާ ވާރް" އާ އެކު އެނބުރި އައިސް ދެ މީހަކު ގެއިން ނެރެލައިފި އެވެ.
ސަލްމާނާއެކު މިފަހަރުގެ އެޕިސޯޑްގައި، މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ ބައިވެރިވި އެވެ. ކަޕިލް ބައިވެރިވީ އޭނާގެ އާ ފިލްމު "ފިރަންގީ" ޕްރޮމޯޓް ކުރުމަށެވެ.
މިފަހަރުގެ ޑަބަލް އެލިމިނޭޝަންގައި ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހުނީ ސަބްޔާސަޗީ ސަޓަޕަތީ އާއި މެހެޖަބީ ސިއްދީގީ އަށެވެ. މިދިޔަ ހަފުތާގައި އެންމެ މަދު ވޯޓް ލިބިފައިވަނީ މި ދެ މީހުންނަށެވެ. މިއީ ގިނަ ބަޔަކު ލަފާކުރި ނަތީޖާއެކެވެ. ނަމަވެސް ދެ މީހުން އެއްފަހަރާ ބޭރުކޮށްލަފާނެ ކަމަކަށް ހިއެއް ނުކުރެ އެވެ.
މެހެޖަބީ އާއި ސަބްޔާސަޗީ ނޮމިނޭޓްވީ ޕްރިޔަންކް ޝަރުމާ އާއި ބިނަފްޝާ ސޫނާވާލާ އަދި ސަޕްނާ ޗައުދަރީ އާ އެކުގަ އެވެ. މި ހަފުތާގެ ނޮމިނޭޝަންސް ވަރަށް ޝައުގުވެރިވެ އެވެ. ސަބަބަކީ ޝިލްޕާ ޝިންޑޭ ނޮމިނޭޓް ނުކުރެވޭ ގޮތަށް އިމިއުނިޓީ ދީފައި ވާތީ އެވެ.