14 ނޮވެމްބަރ 2017 - 07:17

އިންދަރު ކުމާރުގެ "ޓޯޓަލް ދަމާލް"ގެ ލީޑް ރޯލަށް އަނިލް ކަޕޫރާއި މާދުރީ ޑިކްޝިޓް ސޮއިކޮށްފި އެވެ. މިއީ "ދަމާލް" ސީރީޒްގެ ތިން ވަނަ ފިލްމެވެ. އަދި އަނިލް އާއި މާދުރީ 17 އަހަރަށް ފަހު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު އިންދަރު ކުމާރު ބުނި ގޮތުގައި އަންނަ ޖެނުއަރީ މަހު މުމްބައިގައި ފަށަން ހަމަޖެހިފައިވާ މި ފިލްމު ކުޅެދޭން މާދުރީ އާއި އަނިލް ވަނީ އެއްބަސްވެފަ އެވެ.
ފިލްމު ރިލީޒްކުރާ ތާރީޚެއް އަދި ޖެހިފައިވާ ނުވާ ކަމަށާއި އަންނަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި ރިލީޒް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
އަނިލް އާއި މަދުރީ އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ "ޕުކާރް" އެވެ.
މީގެ ކުރިން އިންދަރް ކުމާރު ޑައިރެކްޓްކުރި "ބޭޓާ"ގައި މާދުރީ އާއި އަނިލް މަސައްކަތް ކުރި އެވެ. އަދި އެ ފިލްމުން ގިނަ އެވޯޑުތަކެއް ވެސް މި ދެ ތަރިންނަށް ވަނީ ލިބިފަ އެވެ.
އިންދަރް ކުމާރު ބުނި ގޮތުގައި މިއީ ކޮމެޑީ ފިލްމެކެވެ. އެހެންކަމުން ލޯބީގެ މާ ގިނަ މަންޒަރުތަކެއް މި ފިލްމަކު ނުހިމެނޭނެ އެވެ. އަނިލް އާއި މާދުރީ އަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އަދި މޮޅު ދެ އެކްޓަރުންނަށް ވާތީ އަބަދުވެސް އެ މީހުންނާއެކު ފިލްމު އުފައްދަން ބޭނުންވާ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
"ޓޯޓަލް ދަމާލް"ގައި އަނިލް އާއި މާދުރީގެ އިތުރުން އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދު ވާރްސީ އަދި ޖާވީދު ޖެފްރީ ބައިވެރިވެ އެވެ.