މިނިވަން މީޑިއާ ވަޅުޖެހިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފައި: މީޑިއާ ކައުންސިލް
މިނިވަން މީޑިއާ ވަޅުޖެހިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފައި: މީޑިއާ ކައުންސިލް

"ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އައިސްފައިވާ ހުކުމުން ރާއްޖޭގައި އެ ނޫސްވެރިންނަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ މިނިވަން މީޑިއާގެ މިނިވަންކަން ވަޅުޖެހިދާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މިނިވަން މީޑިއާ ވަޅުޖެހިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފައި: މީޑިއާ ކައުންސިލް
މިނިވަން މީޑިއާ ވަޅުޖެހިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފައި: މީޑިއާ ކައުންސިލް

އެހެން މީޑިއާއެއްގައި ކުރިއަށް އޮތް ދެ އަހަރު މަސައްކަތް ނުކުރެވޭނެ ކަމަށް "ހަވީރު"ގެ ނޫސްވެރިންނަށް އާދިއްތަ ދުވަހު ސިވިލް ކޯޓުން ކަނޑައެޅުމުން، އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއީ އެ މީހަކު އިހުތިޔާރު ކުރާ ވަޒީފާއެއް އަދާ ކުރުމުގެ ހައްގުން މަހުރޫމްވެ، ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ރައްކާތެރިކަން ވެސް ގެއްލިގެން ދިޔަ ހުކުމެއް ކަމަށެވެ.

ބަޔާނުގައި ބުނީ މި ހުކުމުގައިވާ ގޮތުން، ހަވީރު ނޫން މީޑިއާއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިފައިވާތީ ގާނޫނާ ހިލާފަށް މަޖުބޫރުން މަސައްކަތް ކުރުމުގެ ހާލަތު މެދުވެރިވެއްޖެ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި ރާއްޖޭގައި މީޑިއާގެ ދާއިރާގައި މަސައްކަތް ކުރުމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ ގިނަ ބަޔަކަށް މި މަޖުބޫރީ ހާލަތު މެދުވެރިވުމުގެ ސަބަބުން، ދެ އަހަރު ވާންދެން މިނިވަން މީޑިއާގެ ތަރައްގީ ވަޅުޖެހިދާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.މީޑިއާ ކައުންސިލުން ބުނިގޮތުގައި މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަަންކަން ބަލާ ފިޔަވަޅު އެޅުމަކީ އެ މުއައްސަސާގެ މަސްއޫލިއްޔަތެކެވެ. އެކަމަކު ސިވިލް ކޯޓުގެ މި ހުކުމުގެ ސަބަބުން މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތަށް ހުރަސްއެޅިފައިވާ ކަމަށް އެތަނުން ބުންޏެވެ.

ބަޔާނުގައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ބަލައިގަތުމުގެ މިނިިވަންކަމަށް ހުރަސް އެޅޭ ގޮތަކަށް ސަރުކާރާއި މީޑިއާގެ އެހެން ފަރާތްތަކުން ކުރާ ކަންކަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލު ކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލާ މަތިކޮށްފައިވާތީ، އެ މައްސަލައިގެ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ވެސް މި މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެ ކައުންސިލުން ގޮވާލާފައި ވެ އެވެ.