ހަބޭސް ބޮޑުބެރާއި ލެވިޓޭޝަން ޓްރިވެންޑްރަމްގައި ޝޯއެއް ދެނީ
ހަބޭސް ބޮޑުބެރާއި ލެވިޓޭޝަން ޓްރިވެންޑްރަމްގައި ޝޯއެއް ދެނީ

މި މަހުގެ 11 ގައި ފާހަގަކުރި ރާއްޖޭގެ 49 ވަނަ ޖުމްހޫރީ ދުވަހާ ގުޅުވައިގެން، އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލެޓުން ބާއްވާ ހަރަކާތްތަކެއްގައި ހަބޭސް ބޮޑުބެރާއި އެ ބޭންޑްގެ ދަށުން ހިންގާ ލެވިޓޭޝަން ބައި ހަބޭސް ޕަފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދިވެހި ކޮންސިއުލޭޓްގެ ފަރާތުން ލިބުނު ދައުވަތަކަށް އިންޑިއާ އަށް ކުރާ ދަތުރުގައި ހަބޭސް އާއި ލެވިޓޭޝަން ޕަފޯމް ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގަ އެވެ.

ހަބޭސް ބޮޑުބެރުން ބުނީ މި ޝޯގައި އެ ބޭންޑްގެ ދަށުން ހިންގާ ގްރެވިޓީ ބައި ހަބޭސްގެ ލަވަ ކިޔުންތެރިޔާ މުއައްޒިން އާއި ލެވިޓޭޝަންގެ ލަވަ ކިޔުންތެރިޔާ ހަސަން ތޮލާގް (ތޮލާ) ވެސް ބައިވެރިވާނެ ކަމަށެވެ.

"މޮޑަން ބޮޑުބެރުގެ އިތުރުން ސަގާފީ ކުޅިވަރުގެ ތެރޭގައި ހިމެނޭ ދަނޑި ޖެހުމާއި މާފަތި ޖެހުން އަދި މާގަނޑު ނެށުން މި އިވެންޓްގެ ތެރޭގައި ޓްރިވެންޑްރަމްގައި އުޅޭ ދިވެހިންނަށް އަހަރެމެން ދައްކާލާނަން،" ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ) ބުންޏެވެ.

ހަބޭސް އާއި އެ ބޭންޑްގެ ދަށުން ހިންގާ ބޭންޑްތަކަކީ މި ފަހަކަށް އައިސް ރައްޖޭން ބޭރުގެ އެކިއެކި އިވެންޓްތަކުގައި ޕަފޯމް ކުރަމުން އަންނަ ބޭންޑްތަކެވެ. އެގޮތުން ބޭންޑްތަކުން ދޭ ޝޯތަކުގައި ބޭނުން ކުރާނެ ޓްރެވެލް ކިޓްތަކެއް ވެސް ދާދި ފަހުން ވަނީ ދައްކާލައިފަ އެވެ.