ކްރޮއޭޝިއާ އާއި ސްވިޒަލެންޑް ވޯލްޑް ކަޕަށް
ކްރޮއޭޝިއާ އާއި ސްވިޒަލެންޑް ވޯލްޑް ކަޕަށް

ބަސެލް، ސްވިޒަލެންޑް (ނޮވެމްބަރު 13) - ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ޔޫރަޕްގެ ޕްލޭ އޮފް ބުރު ކާމިޔާބުކޮށް ސްވިޒަލެންޑާއި ކްރޮއޭޝިއާ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ޔަގީން ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ޕްލޭއޮފް ފުރަތަމަ ލެގުން ސްވިޒަލެންޑް ވަނީ 1-0 އިން ނޮދަން އަޔަލެންޑް ބަލިކުރިއިރު، ގްރީސްގެ މައްޗަށް ކްރޮއޭޝިއާ ކުރިހޯދީ 4-1 އިންނެވެ. ރޭ ކުޅުނު ދެ ވަނަ ލެގުގެ ދެ މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި ނޮދަން އަޔަލެންޑާއި ސްވިޒަލެންޑަށް ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ސްވިޒަލެންޑުން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ޒެރްޑަން ޝަގީރީ އާއި ހަރިސް ސެފެރޯވިޗަށެވެ. މެޗުގެ ފަހު ވަގުތު ޖޯނީ އެވާންސް ނޮދަން އަޔަލެންޑަށް ލަނޑެއް ޖަހައިދިނުމާ ގާތަށް ޖެހިލި އެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ސްވިޒަލެންޑް ކުޅުންތެރިން ވަނީ ގޯލު ރޮނގުމަތިން ބޭރުކޮށްލައިފަ އެވެ.

މި ނަތީޖާއާ އެކު 1986 ވަނަ އަހަރަށް ފަހު ނޮދަން އަޔަލެންޑުން ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރަމުން އަންނަ އިންތިޒާރު ވަނީ އަނެއްކާ ދިގުލައިގެން ގޮސްފަ އެވެ. އެ ޓީމުގެ ކޯޗު މައިކަލް އޮނީލް ބުނީ ދެ ލެގުގެ ނަތީޖާ ވެސް މި ނިކުތީ ސްވިޒަލެންޑަށް ލިބުނު ގޯސް ޕެނަލްޓީއެއްގެ ސަބަބުން ކަމަށެވެ.

ގްރީސްގެ އެތަންސްގައި ކުޅުނު މެޗުގައި ކްރިއޭޝިއާ އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގައި އެ ޓީމަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ އިންޓަ އަށް ކުޅޭ ވިންގް އިވާން ޕެރިސިޗް އެވެ.

ގްރީސް އިން ކައުންޓަ އެޓޭކުގައި ކްރޮއޭޝިއާ އަށް ބާރުބޮޑުކުރަމުންދިޔައިރު، އެ ޓީމަށް މާ ނުރައްކާތެރި ހަމަލާތައް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ރަޝިއާ، ބްރެޒިލް، އިރާން، ޖަޕާން، މެކްސިކޯ، ބެލްޖިއަމް، ދެކުނު ކޮރެއާ، ސައުދީ އެރެބިއާ، ޖާމަނީ، އިންގްލެންޑް، ސްޕެއިން، ނައިޖީރިއާ، ކޮސްޓަ ރިކާ، ޕޮލެންޑް، މިސްރު، އައިސްލެންޑް، ސާބިއާ، ޕޯޗުގަލް، ފްރާންސް، އުރުގުއާއީ، އާޖެންޓީނާ، ކޮލަމްބިއާ، ޕެނަމާ، ސެނެގޯލް، މޮރޮކޯ، ޓިއުނީޝިއާ، ސްވިޒަލެންޑް، ކްރޮއޭޝިއާ.