12 ނޮވެމްބަރ 2017 - 17:21

ވިލާ ކޮލެޖުން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސް އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް އެ ކޮލެޖުން މިއަދު ބުނެފި އެވެ.
"އެކްސްޕްލޯރިން ނިއު ހޮރައިޒަންސް، ޓްރާންސްފޯމިން ސޮސައިޓީޒް"ގެ ނަމުގައި ވިލާ ކޮލެޖުގައި ބާއްވާ މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުން 70 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓަރީކޮށްފަ އެވެ.
ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ ރިސާޗު އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ކޮންފަރެންސާ ޚިލާފަށް މި އަހަރުގެ އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ފުރަތަމަ ކޮންފަރެންސްގެ ތަޖުރިބާގެ އަލީގައި، މުހިއްމު ބަދަލުތަކެއް މި ފަހަރު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ކޮންފަރެންސްގައި ތައުލީމާއި އިޖުތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން ހަ ޕެނަލް ޑިސްކަޝަނެއް ބާއްވަން ވަނި ހަމަޖައްސައިފަ އެވެ. އެ މަޝްވަރާތަކުގައި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ މިދިޔަ އަހަރުގެ ކޮންފަރެންސްގެ ތަޖުރިބާ އިން އަޅުގަނޑުމެން ގެނައި ބަދަލެއް. އިޖުތިމާއީ އަދި ތައުލީމާ ގުޅޭ ކަންކަމަށް ހާއްސަކޮށްގެން ޖުމްލަ ހަ ޕެނަލް ޑިސްކަޝަން ބާއްވަން. މީގެ އިތުރުން ދެ ވޯކްޝޮޕެއް ވެސް އެބަ ބާއްވަން،" އާދިލް ވިދާޅުވި އެވެ.
ތިން ދުވަހުގެ ނިޔަލަށް ބާއްވާ މި ކޮންފަރެންސްގައި މައިގަނޑު އަށް ތީމަކަށް ޕޭޕަރު ހުށަހަޅާނެ އެވެ. އަދި ތައުލީމާ ގުޅޭ ވަރަށް މުހިއްމު ކަންތައްތަކަށް މަޝްވަރާ ކުރާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.